އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި ލީޑްސް ކޮޅަށް ފަހަތުން އަރައި ހަ ގޯލް ޖަހައިގެން ޗެލްސީން އަނެއް ބުރަށް ދަތުރު ކޮށްފިއެވެ.

ޗެލްސީން އަމިއްލަ ދަނޑުގައި ރޭ ލީޑްސް ކައިރިން މޮޅުވީ 6-3 އިންނެވެ. ލީޑްސްއިން ދެ ގޯލް ޖަހާފައި އޮއްވާ ޗެލްސީން ފަހަތުން އަރައި މޮޅުވީ ބަދަލުތަކަކާއެކުގައެވެ. މެޗުގެ ފުރަތަމަ 11 އަށް ރީސް ޖޭމްސް، މޯގަން ރޮޖާސްގެ އިތުރުން ކޯލް ޕާމާވެސް ނެރެފައި ނުވާ އިރު، ދެވަނަ ހާފުގައި ނަތީޖާ އަނބުރާލުމަށް އެ ކުޅުންތެރިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ލީޑްސްއިން ލީޑު ނެގީ 24 ވަނަ މިނެޓުގައެވެ. ތާރިގް މުހަރެމޮވިޗް ޖަހައިދިން ގޯލާއެކު ލީޑްސްއިން ކުރީގައި އޮވެ ހާފު ނިންމާލި އިރު، ބްރެންޑަން އާރޮންސަން ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑްސްއަށް ފަރަގު ބޮޑުކޮށްދީފައެވެ.

ޗެލްސީން އޮއިވަރު ބަދަލުކޮށްލީ އެހިސާބުންނެވެ. 53 ވަނަ މިނެޓުގައި ކޯލް ޕާމާ ޖެހި ޕެނަލްޓީން ނަތީޖާގެ ފަރަގު ކުޑަކޮށް 55 ވަނަ މިނެޓުގައި އޭނާގެ ދެވަނަ ގޯލަކުން އެއްވަރުކުރިއެވެ. އަދި ފުލުފުލުގައި ދެ ގޯލް ޖަހައި ޗެލްސީން ނަތީޖާ އެއްކޮށް އަނބުރާލިއެވެ. އެގޯލްތައް ޖެހީ ޕެޑްރޯ ނެޓޯއާއި ޑެނީ ވެލްބެކެވެ. ޕާމާގެ ދެވަނަ ގޯލާއި އޭގެފަހުން ޖެހި ދެ ގޯލްވެސް ރޮޖާސް އެސިސްޓްކޮށްދިން އިރު، އޭގެފަހުން އަނެއްކާވެސް ފެނުނީ ލީޑްސްގެ ގޯލެކެވެ. އެ ގޯލް ޖެހީ ޑޮމިނިކް ކަލްވާޓް-ލެވިންއެވެ.

މެޗު ނިމެން ދަނިކޮށް ވެލެންޓީން ބާކޯއާއި ވެލްބެކްގެ އިތުރު ގޯލެއް ފެނުނު އިރު، ބާކޯ ވަނީ ވެލްބެކްގެ ދެވަނަ ގޯލަށް އެސިސްޓް ކޮށްދީފައެވެ.