އިނގިރޭސި ލީގު ކަޕްގެ ދެވަނަ ބުރުގައި ތިންވަނަ ޑިވިޝަނުގެ ލުޓޮން ޓައުން ކައިރިން ޗެލްސީ މޮޅުވެއްޖެއެވެ.

ޗެލްސީން ރޭ އަމިއްލަ ދަނޑުގައި ލުޓޮން ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ޗެލްސީން ތިންވަނަ ބުރުގެ ޖާގައެއް ޔަގީން ކޮށްފައިވާ އިރު، ރޭ އެޓީމުން ވަނީ ފުރަތަމަ 11 އަށް އަލަށް ގެންދިޔައި ތަޖުރިބާކާރު ފޯވަޑް ޑެނީ ވެލްބެކާއި އާޖެންޓީނާގެ ވެލެންޓީން ބާކޯ އަދި ކީޕަރު މައިކް ޕެންޑާސް ކުޅެން ނެރެފައެވެ.

ސްކޮޑުންވެސް ފުރުސަތު ނުލިބޭ ކުޅުންތެރިންގެ ތެރޭގައި މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ހިމެނޭ އިރު، އޭނާ ކްލަބު ދޫކޮށްލަން އުޅޭކަމުގެ ވާހަކަތައް ވަނީ ގަދަވެފައެވެ. އެންޒޯ މި ސީޒަނުގެ މިހާތަނަށް ކުޅުނު މެޗުތަކުގައި ޗެލްސީ ސަޕޯޓަރުން އޭނާއަށް ނުރުހުން ފާޅުކޮށްފައިވާ އިރު، މެންޗެސްޓާ ސިޓީން އިއްޔެ ވަނީ އޭނާ ހޯދަން ރަސްމީ ބިޑެއްވެސް ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލުޓޮންއިން ރަނގަޅަށް ޑިފެންސް ކުރުމުގެ ނަތީޖާއެއްގެ ޗެލްސީއަށް ގޯލެއް ނުޖެހުނެވެ. އެސްޓެވާއޯގެ ބާރު ހަމަލާއެއް ގޯލާ އަމާޒުނުވެ ދިޔަ އިރު، ކެޕްޓަން ރީސް ޖޭމްސްގެ ހަމަލާއެއްވެސް ބްލޮކްވިއެވެ. އަދި މޯގަން ރޮޖާސް ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ މާލޯ ގުސްޓޯ ނަގައިދިން ބޯޅައިން ވެލްބެކް މެޗުގެ ލީޑު ނެގި އިރު، އޭނާ ގޯލް ޖެހީ ބޮލުންނެވެ. އަދ އޭގެފަހުން އެސްޓެވާއޯ ގޯލަށް ފޮނުވާލި ބޯޅަ، ލުޓޮންގެ ހަކީމް އޮޑޮފިން ފައިގައި ޖެހި ބައިކޮޅަށް ވަދެގެން ޗެލްސީން މެޗު ޔަގީންކުރިއެވެ.