ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ފަށާފައިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތުމުން ކަމަށް ޕީޕީއެމް/ޕީއެންސީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި، ޕީއެންސީގެ ޗެއާޕާސަން، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް "ވަން" އަށް ރޭ ވިދާޅުވީ، ޕީއެންސީއަށް މެންބަރުން އިތުރުކުރަން މުއިއްޒު އެދިވަޑައިގަތީ، އިލެކްޝަން ކޮމިޝަން (އީސީ)ން އެ ޕާޓީ އުވާލައިފާނެތީ ކަމަށެވެ.

"އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވީ ޕީއެންސީއަކީ މެންބަރުންގެ އަދަދު މަދު ޕާޓީއަކަށް ވުމުން، ޕާޓީއަށް މެންބަރުން އިތުރުކުރަން. އެއީ ހުވާކުރެއްވުމުގެ ކުރިން ޕާޓީ އުވާލާނެ ކަމަށް ވިސްނަވާފައި، އެފަދަ ކަމެއްވިޔަ ނުދިނުމަށް" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ޕީޕީއެމުން، މެންބަރުން ގެންނަ ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ، މުއިއްޒު އަންގަވާފައި ވަނީ ޕީއެންސީއަށް މެންބަރުން އިތުރުކުރާއިރު، އެ މެންބަރުންނަކީ ޕީޕީއެމްގެ ދަފުތަރުގައި ތިބި މީހުންނަށް ވެގެން ނުވާނެ ކަމަށެވެ. އެހެންކަމުން، ޕީޕީއެމުން، ޕީއެންސީއަށް މެންބަރުން ގެންނަ ވާހަކަ އޭނާ ވަނީ ދޮގުކުރައްވައިފައެވެ.

މުއިއްޒު އެދިވަޑައިގެންފައިވަނީ ޕީއެންސީއަށް 10،000 މެންބަރުން ހަމަކޮށްދިނުމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން 11 އަހަރުގެ ޖަލު ޖަލު ހުކުމެއް ތަންފީޒު ކުރައްވަނިކޮށް ގޭ ބަންދަށް ބަދަލުކޮށް، އަދި ހަފުތާގައި ބޭސްފަރުވާއަށް ބޭރަށް ދެވޭ ގޮތަށް ކަރެކްޝަނަލް ސާވިސް އިން ދިން ލުޔާއެކު ޔާމީން ވަނީ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ޔާމީން ވިދާޅުވެފައިވަނީ ޕީޕީއެމް، ޕީއެންސީ ދާން ޖެހޭނެ ސަބަބެއް ނޯންނާނެ ކަމަށެވެ. އެ ދެ ޕާޓީއަކީ އެއް ފިކުރެއްގެ ދެ ޕާޓީ ކަމަށް ޔާމީން ވިދާޅުވެފައިއެވެ.

ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވައި ބޮޑު އަގުލަބިއްޔަތަކުން މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު ޕީޕީއެމްގެ ބައެއް މެންބަރުންނާއި އެހެން ޕާޓީތަކުގެ މެންބަރުން ވެސް ގެންދަނީ ޕީއެންސީއަށް ސޮއިކުރަމުންނެވެ.