އަންނަ އަހަރު ދެ މިލިއަނަށްވުރެ ފަތުރުވެރިން ގެނެވޭނެ ކަމަށް އަންދާޒާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓުގެ ފޮތުގައި ފާހަގަކޮށްފައިވާ ގޮތުން، ޔޫރަޕުގެ މާކެޓުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އެހެން އަހަރުތަކާ އަޅާބަލާއިރު އަންނަ އަހަރު ދަށްވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ނަމަވެސް ޗައިނާ މާކެޓު ހިމެނޭހެން އެހެނިހެން މާކެޓުތަކުން އަންނަ ފަތުރުވެރިންގެ އަދަދު މި އަހަރާ އަޅާބަލާއިރު އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، އަންނަ އަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދާއި ބެޑް ނައިޓްސްގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.

އެގޮތުން މި އަހަރަށްވުރެ އަންނަ އަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 7.9 ޕަސެންޓް އިތުރުވެ، ބެޑްނައިޓްސްގެ އަދަދު ހަތް ޕަސެންޓުން އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެއެވެ.

ބަޖެޓު ފޮތުގައި ފާހަގަކޮށްފައިވާ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް 2025 ވަނަ އަހަރުގެ ތެރޭގައި އޮޕަރޭޓް ކުރަން ފަށައި، އެއާޕޯޓުގެ ކެޕޭސިޓީ އިތުރުވުމުން މެދު ރާސްތާގައި އެ އަދަދުތައް އަހަރުން އަހަރަށް އިތުރުވަމުންދާނެ ކަމަށް ލަފާކުރެވެއެވެ.