އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު، މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ތައްޔާރު ކުރަން ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)އާ ހަވާލުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ ޑައިރެކްޓަރު އޮފް މީޑިއާ ހަސަން ޒިޔާއު މިއަދު "ވަން" އަށް ވިދާޅުވީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ކަންކަން ސިވެކްއާ ހަވާލުކުރީ ޓެންޑާ ބޯޑުން ކަމަށެވެ. އަދި އެ މަސައްކަތަށް ޖުމުލަ 22.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވިދާޅުވިއެވެ.

ޒިޔާއު ވިދާޅުވީ، އެ ރަސްމިއްޔާތު ބޭއްވުމަށްޓަކައި ބައެއް ތައްޔާރީތައް މިހާރު ސިވެކް ކުންފުނިން ފަށާފައިވާ ކަމަށާއި އެގޮތުން ޖުމްހޫރީ މައިދާނު ވަށައި ފެންސު ޖެހުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 16:45 ގަ އެވެ. އެ ރަސްމިއްޔާތަށް 3،500 މީހުންނަށް ދައުވަތު ފޮނުވާނެ ކަމަށް މަޖިލީހުގެ އިދާރާއިން މީގެ ކުރީން ބުނެފައިވެއެވެ.