އިންޑިއާ އާއި ޗައިނާއާ ދެމެދު އޮތް ވާދަވެރިކަމާއި ކޯޅުމުގެ ތެރެއަށް ވަދެ، ވަކިކޮޅެއް ނަގާ ވަރަަށް ވުރެ ރާއްޖެ އަކީ ކުޑަ ގައުމެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބްލޫމްބާގް ޓީވީއަށް ދެއްވި އިންޓަވިއެއްގައި މުއިއްޒު ވިދާޅުވީ، އޭނާއަކީ ޕްރޯ ޗައިނާ މީހެއް ކަމަށް ލޭބަލްކޮށް ދައްކާ ވާހަކައަކީ ދޮގެއް ކަމަށެވެ. އޭނާގެ ސަރުކާރެއްގައި ގެންގުޅޭނީ 'ޕްރޯ މޯލްޑިވްސް' ސިޔާސަތު ކަމަށާއި ރާއްޖެއިން ބައިނަލްއަގުވާމީ ހުރިހާ ގާނޫނަކާއި މިންގަނޑުތަކަށް އިހުތިރާމް ކުރާނެ ކަމަށް ވިދާޅުވިއެވެ.

'ރާއްޖެއިން ހުރިހާ ގައުމަކާ ގުޅިގެން މަސައްކަތް ކުރާނެ. އަޅުގަނޑުމެން ބޭނުމެއް ނޫން ޖިއޯޕޮލިޓްކްސްގެ ތެރެއަށް ވަދެގެން އުޅޭކަށް. ބޮޑު ދެ ގައުމެއްގެ މެދުގައި ހިނގާ ކަންކަމުގެ ތެރެއަށް ވަންނަވުރެ ރާއްޖެ ކުޑަ" މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަވަށްޓެރި އިންޑިއާއަށްވުރެ ޗައިނާއާ ގާތް ގުޅުމެއް ބޭއްވިއެވެ. އަދި އެ ސަރުކާރުގައި ހިންގި އުމްރާނީ ބޮޑެތި މަޝްރޫއުތައް ހަވާލުކުރީވެސް ޗައިނާގެ ކުންފުނިތަކަށެވެ. އެ މަޝްރޫއުތައް ވިލަރެސްކޮށް ބަލަހައްޓާ ހައުސިން މިނިސްޓްރީގެ މިނިސްޓަރަކަށް އޭރު ހުންނެވީ މުއިއްޒެވެ.

ޔާމީންގެ ސަރުކާރުގައި ޗައިނާއާއެކު ބޭއްވި ގާތް ގުޅުމުގެ ސަބަބުން އިންޑިއާ އާއެކު ރާއްޖޭން ބާއްވަމުން އައި ޒަމާންވީ ރަހުމަތްތެރިކަމަށް ހީނަރުކަމެއް އައި އިރު، އޭރުގެ އެ ވެރިކަމަކީ ޕްރޯ ޗައިނާ އަދި އެންޓި އިންޑިއާ ވެރިކަމެއްގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރިއެވެ.