ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ގޯސްވެ، ފުޓުބޯޅަ އިދާރާގެ ވެރިންނަށް އިތުބާރު ގެއްލެމުންދާ ހާލަތެއްގައި އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ސެކްރެޓަރީ ޖެނެރަލް ހުސައިން ޖަވާޒު (ޖަވާ)، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރައްވައިފިއެވެ.

ބައްސާމް، އިންފަންޓީނޯއާ ބައްދަލުކުރެއްވިކަން އިއުލާނުކުރެއްވީ އިންފަންޓީނޯގެ ސޯޝަލް މީޑިއާގައެވެ. އޭނާ ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ރާއްޖޭގެ އެފްއޭގެ ރައީސް ބައްސާމާއި ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒާ ބައްދަވުމުން އުފާކުރައްވާ ކަމަށާއި ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގަށް ކުރެވެން ހުރި ކަންކަމަށް މަޝްވަރާކުރެވި، އިތުރު ކުރިއެރުންތައް އެކުގައި ހޯދޭނެ ކަމަށެވެ.

އޭގެ އިތުރުން އިންފަންޓީނޯ ވިދާޅުވީ ފީފާއިން މެމްބަރު އެސޯސިއޭޝަންތަކަށް އަބަދުވެސް ފުލް ސަޕޯޓް ދެމުން ގެންދަވާނެ ކަމަށެވެ.

އިންފަންޓީނޯއާ ގާތް ގުޅުމެއް ބާއްވަމުންދާ އެފްއޭ ރައީސް ބައްސާމަށް މިވަގުތު ރާއްޖޭގައި ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ހާއްސަކޮށް މިދިޔަ ހަފުތާގައި އެފްއޭއެމް ބަލައި ފާސްކުރަން ފުލުހުން ވަނުމާއެކު، އެކަން ވެފައި ވަނީ ލަދުވެތި ކަމަށެވެ.

ފުލުހުން އެފްއޭއެމް އިދާރާއަށް ވަނީ އެ އިދާރާއަށް ރާއްޖޭން ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި، އަމިއްލަ މަންފާ ހޯދަން ބޭނުންކުރާ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށެވެ. އެ ކަންކަމުގެ ތެރޭގައި މަނީ ލޯންޑަރިންގެ މައްސަލަތައްވެސް ހިމެނެއެވެ.

މިވަގުތު އެފްއޭއެމްގެ ފައިސާގެ ހާލަތު އޮތް ގޮތުން އެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ނުދޭތާވެސް އެތައް ދުވަހެއް ވެއްޖެއެވެ. އެ އިދާރާ މުވައްޒަފުން ވަޒީފާއަށް ނުކުންނަމުން ނުދާ އިރު، އެފްއޭއެމްގެ އެކިއެކި ހަރަކާތްތައް މިވަގުތު ހިނގަމުން ނުދެއެވެ. ހާއްސަކޮށް ލީގުގެ ކަންކަންވެސް އޮތީ ފާޑަކަށް ހުއްޓިފައެވެ.

ބައްސާމްގެ ރައީސް ކަމުގައި ހިނގަމުންދާ އެފްއޭއެމްގެ އެކްސްކޯގެ އިތުބާރުވެސް މި ދަނޑިވަޅުގައި އޭނާއަށް ދަނީ ގެއްލެމުންނެވެ. އެގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) އެފްއޭއެމް ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ އިރު، އެކްސްކޯގައި ހިމެނޭ ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިއަތު ހަލީމް (މުއާބެ) ވެސް ވަނީ އިސްތިއުފާ ދީފައެވެ.