އޭއެފްސީ ކަޕް ގްރޫޕް ޑީގައި ރޭ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއިން އިންޑިއާ މޯހަން ބަގާނާ އެއްވަރު ކޮށްފިއެވެ.

އިންޑިއާގެ ބުބަނޭސްވާރްގެ ކަލިންގާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ބަޝުންދަރާ ކިންގްސްއިން އެއްވަރު ކުރީ 2-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ކިންގްސްއަށް ވަނީ އަނެއްކާވެސް އުންމީދެއް ލިބިފައެވެ. މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާއެކު އިންޑިއާގެ ވަރުގަދަ މޯހަން ބަގާން އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތީ ކިންގްސްއެވެ. އެއީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކުގައެވެ.

މި ސަރަހައްދުގެ ޓީމުތައް ހިމެނޭ ގްރޫޕް ޑީން އެއް ޓީމަށް ޔަގީންކޮށް އަނެއް ބުރުން ފުރުސަތު ލިބޭ އިރު، މިވަގުތު ތިންވަނައިގައި އޮތީ އިއްޔެ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކައިރިން 6-1 އިން މޮޅުވި އޮޑިޝާ އެފްސީއެވެ. އެއީ ތިން މެޗުން ތިން ޕޮއިންޓާ އެކުގައެވެ. މާޒިޔާއަށްވެސް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، އޮޑިޝާއާ ދެމެދު އޮތް ފަރަގަކީ ފައިދާ ގޯލެވެ.

މޯހަން ބަގާނާއި ކިންގްސް ރޭ ކުޅުނު މެޗުގެ 32 ވަނަ މިނެޓުގައި ޑިމިޓްރިއޯސް ޕެޓްރާޓޯސް ވަނީ މޯހަން ބަގާނަށް ލީޑު ނަގައިދީފައެވެ. އެ ލީޑައެކު ހަމަޖެހިނުލެވިގެން އުޅެނިކޮށް، މިނެޓެއް ފަހުން ބަންގްލަދޭޝްގެ ކިންގްސް ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލު ޖެހީ ޑޮރިއެލްޓަންއެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ އަސިޝް ރާއީސް މޯހަން ބަގާނަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިން ނަމަވެސް، 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއާއެކު ކިންގްސްއިން އަނެއްކާވެސް ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލު ޖަހައިދިނީ ރޮބްސަން ޑަ ސިލްވާ (ރޮބީނިއޯ) އެވެ.