އޭޝިއާގެ ދެވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތް، އޭއެފްސީ ޗެމްޕިއަންސް ލީގު ދޭއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުންދާ ސައުދީ އަރަބިއާގެ އަލް ނަސްރާއި އިންޑިއާގެ ގޯއާ އެ ގްރޫޕަކަށް ލައްވާލައިފިއެވެ.

އަލް ނަސްރާއި ގޯއާވެސް މިފަހަރު ހިމެނެނީ ޗެމްޕިއަންސް ލީގު ދޭއްގެ ގްރޫޕް ޑީގައެވެ. ދެން އެ ގްރޫޕުގައި ހިމެނެނީ އިރާގުގެ އަލް ޒައުރާއާއި ތަޖަކިސްތާނުގެ އިސްތިކްލާލެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގު ދޭއްގެ ގްރޫޕް ސްޓޭޖު ފޯމެޓް އެކުލަވާލާފައިވާ ގޮތުން، ކޮންމެ ޓީމެއް ދެ ފަހަރަށް ބައްދަލުކުރާނެއެވެ. އެއީ ހޯމްގައި ކުޅޭ މެޗެއްގެ އިތުރު އަވޭގައި ކުޅޭ މެޗެއްގައެވެ. މިހާރު ތާވަލު ކުރެވިފައިވާ ގޮތުން ރޮނާލްޑޯއާއެކު ގިނަ ތަރިންތަކެއް ހިމެނޭ އަލް ނަސްރުން އިންޑިއާގެ ޕަންޑިތު ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި މެޗެއް ކުޅޭނެއެވެ.

ގޯއާގައި ކުޅޭ އެ މެޗު އޮންނާނީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

އެ މެޗު ވެގެންދާނީ އިންޑިއާ ފުޓުބޯޅަ ސަޕޯޓަރުންނަށް ހާއްސަ މެޗަކަށެވެ. ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ރޮނާލްޑޯގެ އިތުރުން އަލް ނަސްރަށް މިހާރު ގިނަ ތަރިންތަކެއް ކުޅެމުން ދެއެވެ.

އެގޮތުން ލިވަޕޫލަށް ކުރިން ކުޅުނު ސަޑިއޯ މާނޭއާއި ޖުއާއޯ ފެލިކްސް، ކިންގްސްލީ ކޯމަން އަދި މާސެލޯ ބްރޮޒޮވިޗްވެސް އަލް ނަސްރަށް ކުޅެމުންދެއެވެ.