އޭއެފްސީން މުޅިން އަލަށް ތައާރަފްކޮށް ފަށަން ތައްޔާރުވެފައިވާ އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖަށް ނުކުންނަނީ އުނދަގޫ ހާލަތެއްގައި ނަމަވެސް، އެ މުބާރާތުގެ އަނެއް ބުރަށް ދާން އުންމީދެއް އެބައޮތް ކަމަށް ކޯޗު ޑްރަގަން ޑުކަނޯވިޗް ބުނެފިއެވެ.
ޗެލެންޖް ލީގުގައި ޓީމުތައް ވާދަކުރާނީ ދެ ފަޅިއަކުންނެވެ. އެއީ ވެސްޓް ރީޖަން އާއި އީސްޓް ރީޖަންއިންނެވެ. ވެސްޓް ރީޖަންގައި މާޒިޔާ ހިމެނޭ އިރު، އެ ރީޖަންގައި ތިން ގްރޫޕެއް ހިމެނެއެވެ. އަދި އީސްޓް ރީޖަންގެ ދެ ގްރޫޕްގައި ޖުމުލަ ހަ ޓީމަކުން ވާދަކުރާނެއެވެ. އީސްޓް ރީޖަންގެ ދެ ގްރޫޕްގެ އެއްވަނައާއި ދެވަނައަށް ސީދާ ކުއާޓާ ފައިނަލް ޖާގަ ލިބޭ އިރު، ވެސްޓް ރީޖަންގެ ގްރޫޕް އެއްވަނަތަކަށް ސީދާ ކުއާޓާ ޖާގަ ލިބޭނެއެވެ. ދެން ބާކީ އޮތް ސްލޮޓަށް ވެސްޓް ރީޖަނުން ދާނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ، ގްރޫޕްގެ ދެވަނަ ޓީމެކެވެ. ފަހު ސްލޮޓް ލިބޭ ޓީމު ބެލުމަށް ވެސްޓް ރީޖަންގެ ތިން ގްރޫޕްގައި ހިމެނޭ ދެވަނަ ޓީމުތަކުގެ ނަތީޖާއަށް ބަލާނެއެވެ.
ދެ ރީޖަންގެ މެޗުތައް ވެސް ސެންޓްރަލައިޒްކޮށް ހޯސްޓް ކުރަން އޭއެފްސީން ނިންމާފައިވާ އިރު، މާޒިޔާ ހިމެނޭ ގްރޫޕްގެ ހޯސްޓް ޓީމަކީ ކުވައިތުގެ އަރަބީއެވެ. މާޒިޔާ އާއި ކުވައިތުގެ އަރަބީގެ އިތުރުން ދެން ހިމެނެނީ ކިރިގިސްތާނުގެ ޗެމްޕިއަން އަބްދީޝް- އާޓާ ކާންޓާއި ތުރުކެމެނިސްތާންގެ ޗެމްޕިއަން އަރްކަޑާގެވެ.
މާޒިޔާއިން މިރޭ ރާއްޖެގަޑިން 11:45 ގައި އަރްކަޑާއާ ދެކޮޅަށް ނުކުންނަ އިރު، ޕްރި މެޗު ޕްރެސްގައި ކޯޗު ޑުކަނޯވިޗް ވަނީ ކުވައިތުން މެޗުތަކަށް ހަމަޖައްސާފައިވާ އިންތިޒާމަށް ޝުކުރު އަދާކޮށްފައެވެ.
އޭނާ އިތުރަށް ބުނީ ގިނަ ބައެއްގެ ނަޒަރުގައި މާޒިޔާއަކީ މި ގްރޫޕްގެ ބަލި ޓީމެއް ކަމަށް ހީކުރި ނަމަވެސް، އެޓީމުން ނުކުންނަނީ އުންމީދުތައް ހަގީގަތަކަށް ހަދަން ކަމަށާއި، އެކަން ކުރަން ކުރެވުނު ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
"އެންމެންވެސް ހީކުރަނީ މާޒިޔާއަކީ މި ގްރޫޕްގެ 'އައުޓްސައިޑާސް' ކަމަށް. އެކަމަކު އަހަރެމެން މި މުބާރާތަށް ނުކުތީ އުންމީދަކާ އެކު. އެއީ އަނެއް ބުރަށް ދިޔުން. އެއީ މާޒިޔާގެ އުންމީދަކީ އަބަދުވެސް، އަހަރެން އުންމީދު ކުރަން މި ފަހަރު އެކަން ވާނެ ކަމަށް. އެއީ އަހަރެމެންގެ ވިސްނުމަކީވެސް، އަަހަރެމެންގެ ފިލޯސަފީއަކީވެސް،" ކުރިން ބަންގްލަދޭޝާއި އިންޑޮނޭޝިއާގައި ވެސް މަސައްކަތްތަކެއް ކުރި ޑުކަނޯވިޗް ބުންޏެވެ.
މާޒިޔާގެ ކޯޗު އިތުރަށް ބުނީ އެންމެ ބޮޑު ޗެލެންޖަކީ މިވަގުތު ރާއްޖޭގެ ލީގު ހުއްޓި، އެތައް ދުވަހެއް ވެފައި އޮތުން ކަމަށެވެ. މާޒިޔާއިން ޗެލެންޖް ލީގަށް މަހަކަށްވުރެ ގިނަ ދުވަސް ވަންދެން ފަރިތަކޮށްފައިވާ އިރު، ކޯޗުގެ ނަޒަރުގައި ލީގެއް ނެތުން އެއީ ޗެލެންޖެއް ނަމަވެސް، ފުޓުބޯޅައިގައި ކޮންމެ ކަމަކުންވެސް އަރައިގަނެވޭނެއެވެ.
"އަހަރެމެން ކުރަން ޖެހޭ މަސައްކަތަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ލީގު މިވަގުތު ނެތުން. އެއީ އަހަރެމެންނަށް އޮތް އެންމެ ބޮޑު އުނދަގުލަކީވެސް، އަދި ދައްޗަކީވެސް. އެހެންވިޔަސް، ފުޓުބޯޅައިގައި އެއްވެސް ކަމެއް އެއީ ވެ ނިމިފައި އޮތް ކަމެއް ނޫން. އެހެންވީމަ ވަކި ގޮތެއް ކަނޑައަޅައި، އެކަމުގެ ސަބަބުން ނުވާނެ ކަމެކޭ ބުނެ ދޫކޮށް ނުލެވޭނެ. އަހަރެމެން އެބަ ޖެހޭ އުންމީދުކުރަން،" ކޯޗު އިތުރަށް ބުންޏެވެ.
ޕްރި މެޗު ޕްރެސްގައި މާޒިޔާގެ ކެޕްޓަން ސަމޫހް އަލީ (ސަމުއްޓޭ) ބުނީ, މާޒިޔާއިން އޮތީ ކުރިއަށް އޮތް މެޗަށް ތައްޔާރަށް ކަމަށާއި ކުޅުންތެރިންގެ ރޫހު އޮތީ ރަނގަޅަށް ކަމަށެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު