ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުން އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް ސީގައި މިއަދު ކުޅުނު މެޗުގައި ދެކުނު ކޮރެއާ ކައިރިން 13-0 އިން ބަލިވެއްޖެއެވެ.

ޗައިނާގެ ޑަލިއަންގައި ކުރިއަށްދާ ކޮލިފިކޭޝަންގެ މިއަދުގެ މެޗަށް ރާއްޖެއިން ނުކުތީ ކޮލިފިކޭޝަން ފުރަތަމަ މެޗުގައި ބޫޓާނާ 2-2 އިން އެއްވަރުކޮށް، ބަހްރެއިން ކައިރިން 1-0 އިން ބަލިވެގެންނެވެ. ބަހްރެއިން ކައިރިން ރާއްޖެ ރަނގަޅު ނަތީޖާއެއް ހޯދައި މިއަދުގެ މެޗަށް ނުކުތްއިރު ޓީމަށް އޮތީ އަނިޔާގެ މައްސަލަތައް ބޮޑުވެފައެވެ. އެގޮތުން ޓީމުގެ ކެޕްޓަން، އަދި އެންމެ މުހިއްމު ކުޅުންތެރިޔާ މުހައްމަދު އިލާން އިމްރާނާއި ޔޫސުފް އަޔާން އާމިރަށްވެސް މިއަދުގެ މެޗު ގެއްލުނު އިރު، ވާމް އަޕްގައި އެއް ނަމްބަރު ގޯލްކީޕަރު އިދާން އިސްމާއީލް އަޝްރަފަށް އަނިޔާވެ ބަދަލުކުރަން ޖެހުނެވެ.

އެ ހާލަތުގައި އޮވެ މިއަދުގެ މެޗަށް ރާއްޖެ ނުކުތް އިރު، ފުރަތަމަ ހާފުގައި ދެކުނު ކޮރެއާއިން ވަނީ ރާއްޖެ ކޮޅަށް ފަސް ގޯލު ޖަހައިފައެވެ. ޖުން މިންސެއުންގް އަދި ކިމް ޖިންސުން، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އިރު، ކިމް އިއުންސެއޮންގެވެސް ފުރަތަމަ ހާފުގައި ގޯލު ޖެހިއެވެ.

ދެވަނަ ހާފުގައިވެސް ކޮރެއާއިން ރާއްޖެ ކޮޅަށް ގިނަ ގޯލުތައް ޖެހި އިރު، ކިމް ޖީސުން އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ. އޭގެ އިތުރުން ޕާކް ބަޔެއޮންގްޗަންވެސް ފަހު 10 ވަރަކަށް މިނެޓުގައި ހެޓްރިކެއް ހެދި އިރު، ލިމް ޔީޗެންވެސް ދެ ގޯލު ޖެހިއެވެ. ދެން ކޮރެއާގެ އަނެއް ގޯލުތައް ޖެހީ ކިމް މިންޗަންއާއި ލީ ސަންގްޔެއޮންއެވެ.

ރާއްޖެއަށް ދެން ކޮލިފިކޭޝަންގައި ބާކީ އޮންނާނީ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ ހުކުރު ދުވަހުއެވެ. ރާއްޖެއިން މިއަހަރުގެ ކޮލިފިކޭޝަންގައި ވާދަކުރަމުން ދަނީ މުހައްމަދު އާދަމްގެ ކޯޗުކަމުގެ ދަށުންނެވެ.