އޭއެފްސީން މުޅިން އަލަށް ތައާރަފުކޮށްފައިވާ އޭޝިއާގެ ތިންވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެއް ގްރޫޕެއްގައި ކިރިގިސްތާނުގެ ޗެމްޕިއަން އަބްދީޝް- އާޓާ ކާންޓާއި މިދިޔަ އަހަރު ކުވައިތު ލީގުގެ ރަނަރަޕް އަލް-އަރަބީގެ އިތުރުން ތުރުކެމެނިސްތާންގެ ޗެމްޕިއަން އަރްކަޑާގް ހިމެނިއްޖެއެވެ.

އޭއެފްސީގެ މުބާރާތްތަކުގެ ފޯމެޓަށް މިފަހަރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ޔޫރަޕްގައި އޮންނަ އުސޫލުން ތިން މުބާރާތެއް މިއަހަރު ތާވަލުކޮށްފައިވާ އިރު، އޭއެފްސީގެ ތިންވަނަ ފަންތީގެ މުބާރާތަށް ދީފައިވާ ނަމަކީ އޭއެފްސީ ޗެލެންޖް ލީގެވެ. ދެން ކުޅޭނީ އޭއެފްސީ ޗެމްޕިއަންސް ލީގު 2 އަކާއި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓް މުބާރާތެވެ.

އޭގެ ތެރެއިން ރާއްޖެއަށް ފުރަތަމަ ފުރުސަތު ލިބުނީ ޗެލެންޖް ލީގުގެ ޕްލޭ އޮފް ބުރުންނެވެ. އެހެންނަމަވެސް ބައެއް ގައުމުތަކުގެ ކްލަބުތަކުން މުބާރާތުގައި ބައިވެރިވެފައިނުވާތީ ރާއްޖޭގެ މާޒިޔާއަށް ވަނީ ސީދާ ގްރޫޕް ސްޓޭޖުގެ ސްލޮޓެއް ޔަގީންވެފައެވެ. އެ ގްރޫޕްގެ ގުރު ނަގާފައިވަނީ މިއަދުއެވެ.

ޗެލެންޖް ލީގުގައި ޓީމުތައް ވާދަކުރާނީ ދެ ފަޅިއަކުންނެވެ. އެއީ ވެސްޓް ރީޖަންއާއި އީސްޓް ރީޖަންއިންނެވެ. ވެސްޓް ރީޖަންގައި މާޒިޔާ ހިމެނޭ އިރު، އެ ރީޖަންގައި ތިން ގްރޫޕެއް ހިމެނެއެވެ. އަދި އީސްޓް ރީޖަންގެ ދެ ގްރޫޕްގައި ޖުމުލަ ހަ ޓީމަކުން ވާދަކުރާނެއެވެ. އީސްޓް ރީޖަންގެ ދެ ގްރޫޕްގެ އެއްވަނައާއި ދެވަނައަށް ސީދާ ކުއާޓާ ފައިނަލް ޖާގަ ލިބޭ އިރު، ވެސްޓް ރީޖަންގެ ގްރޫޕް އެއްވަނަތަކަށް ސީދާ ކުއާޓާ ޖާގަ ލިބޭނެއެވެ. ދެން ބާކީ އޮތް ސްލޮޓަށް ވެސްޓް ރީޖަނުން ދާނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ، ގްރޫޕްގެ ދެވަނަ ޓީމެކެވެ. ފަހު ސްލޮޓް ލިބޭ ޓީމު ބެލުމަށް ވެސްޓް ރީޖަންގެ ތިން ގްރޫޕްގައި ހިމެނޭ ދެވަނަ ޓީމުތަކުގެ ނަތީޖާއަށް ބަލާނެއެވެ.

ދެ ރީޖަންގެ މެޗުތައްވެސް ސެންޓްރަލައިޒްކޮށް ހޯސްޓް ކުރަން އޭއެފްސީން ނިންމާފައިވާ އިރު، މާޒިޔާ ހިމެނޭ ގްރޫޕްގެ ހޯސްޓް ޓީމަކީ ކުވައިތުގެ އަރަބީއެވެ. އެހެންކަމުން އެ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ކުވައިތުގައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ތާވަލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 26، 29 އަދި ނޮވެމްބަރު މަހުގެ އެކަކަށެވެ.

ރާއްޖޭގެ ފުޓުބޯޅަ ހުއްޓިފައި އޮންނަތާ މިހާތަނަށް އަހަރެއްހާ ދުވަސްވެފައިވުން އެއީ މާޒިޔާއަށް މުބާރާތުގައި ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖެވެ. މުބާރާތަށް ކުރިއާލާ ތައްޔާރުވާން މާޒިޔާއިން މަސައްކަތް ކުރަމުންދާ އިރު، އެޓީމުން މުބާރާތަށް ނުކުންނާނީ ލީގު މެޗެއްވެސް ނުލިބިއެވެ. ރާއްޖޭގެ ފުޓުބޯޅަ މިވަގުތު ގޯސް ހާލަތެއްގައި އޮތް އިރު، ލޯކަލް ލީގު ފެށެން އޮތީވެސް އެފްއޭއެމްގެ ހަމައަކަށް އެޅިގެންނެވެ. އެ އިދާރާ މިވަގުތު އޮތީ ނޯމަލައިޒޭޝަން ކޮމިޓީއަކާ، ފީފާއިން ހަވާލުކޮށްފައެވެ.

މާޒިޔާ ހިމެނޭ ރީޖަންގެ އެހެން ގްރޫޕްތަކަށް ބަލައިލާ އިރު، ގްރޫޕް އޭގައި ހިމެނެނީ އިންޑިއާގެ އީސްޓް ބެންގާލާއި ލުބުނާނުގެ ނެޖްމޭގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަދި ބޫޓާންގެ ޕަރޯ އެފްސީގެއެވެ. އެ ޓީމުތައް ކުޅޭ ގްރޫޕް ސްޓޭޖު މެޗުތައް ހޯސްޓް ކުރާނީ ބޫޓާންގައެވެ.

ގްރޫޕް ބީއަކީ މާޒިޔާ ހިމެނޭ ގްރޫޕެވެ. އޭގެ އިތުރުން ގްރޫޕް ސީގައި ހިމެނޭ ޓީމުތަކަކީ ބަހްރެއިންގެ އަލް-އަހްލީ ކްލަބާއި އިރާގުގެ އަލް-ފަތުވާ، އޮމާންގެ އަލް-ސީބްގެ އިތުރުން ޔޫއޭއީގެ ހިލާލް އަލް-ގުދުސްއެވެ. އެ ގްރޫޕްގެ މެޗުތައް ހޯސްޓް ކުރާނީ އޮމާނުގައެވެ.