މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހުން ހައްޔަރުކުރި މީހަކު، ދައުލަތުގެ އިހުމާލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުން، އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުގެ ފަނޑިޔާރުން ދައުލަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ފުލުހުން ވަނީ ހުސައިން ޔާމީން އިބްރާހީމްއާއި އިތުރު ބަޔަކު ބައިވެރިވެގެން މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިޔަފާރި ކުރަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

އެ މައްސަލާގައި ޔާމީން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހު ފުލުހުން އެދުނީ އޭނާ ބަންދުން ދޫކޮށްފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށްޓަކައި، 15 ދުވަހުގެ މުއްދަތަށް ބަންދުކޮށް ދިނުމަށެވެ. ފުލުހުން އޭނާ ބަންދުކޮށްދިނުމަށް އެދުނުއިރު ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ޔާމީނަށް އެކަށީގެންވާ ގޮތެއްގައި ލިބިފައިނުވާތީ ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް އެއް ދުވަސް ޖެހިއެވެ.

ނަމަވެސް އޭގެ ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީން ބަންދުން ދޫކޮށްލައިފައެވެ. އެ ހުކުމުގައި ބަޔާންކޮށްފައި ވަނީ ޔާމީން ދިރިއުޅޭ ތަނުން ޓްރެފިކިންގެ މިންގަނޑަށް ފެތޭ ވަރަށް މަސްތުވާތަކެތި ފެނުނު ނަމަވެސް އޭނާއާ ސީދާ ގުޅޭ މަސްތުވާތަކެތީގެ ބަރުދަނުގައި ޓްރެފިކިންގެ މިންގަނޑަށް ފެތޭ އަދަދަށް މަސްތުވާތަކެތި ނެތް ކަމަށެވެ. އަދި އޭނާއަކީ ފާއިތުވި ފަސް އަހަރު ކުށުގެ ރިކޯޑެއް ނެތް މީހެއް ކަމަށާއި ފަސް އަހަރުން ކުރިންވެސް ހުރީ މަސްތުވާތަކެތި ބޭނުންކުރުމުގެ ދެ މައްސަލައެއް ކަމަށްވެސް ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ އެ ހުކުމް ދައުލަތުން ހައިކޯޓުގައި މިމަހުގެ ތިންވަނަ ދުވަހު އިސްތިއުނާފުކޮށްފައެވެ. އިސްތިއުނާފީ ނުކުތާގައި ދައުލަތުން ވިދާޅުވީ ހުސައިން ޔާމީން އިބްރާހީމްއާ ގުޅޭގޮތުން ފުލުހުންގެ އިންޓެލިޖަންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މއ. ޑެނިޔުބު ބަލައިފާސްކުރިއިރު އެގޭގެ ފުރަތަމަ ފަންގިފިލާގައި މީނާ ދިރިއުޅޭ އެޕާޓްމަންޓާއި އެތަނާ އިންވެގެންހުރި އިމާރާތްތަކުގެ ފުރާޅުން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭތަކެތި ފުލުހުންނަށް ފެނުނު ކަމަށެވެ. އަދި އެގެއިން މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ކައްޓާއާއ،ި އެތަކެތި ބަންދުކުރުމަށް ގެންގުޅޭޒާތުގެ ރަބަރު ޕެކެޓާއ،ި ފިލްމު ހުސްކުރިދަޅު ފަދަތަކެއްޗާއި 320.00 ޔޫރޯ އާއި 2،025 އެމެރިކާ ޑޮލަރު ފެނުނު ކަމަށެވެ. އެ މައްސަލައިގައި ފެނުނު މަސްތުވާތަކެއްޗަކީ ކެނެބިސްކަމަށް ބެލެވޭއިރު، ހުސައިން ޔާމީން އިބްރާހީމްގެ ބެލުމުގެ ދަށުގައިހުރި ތަކެތީގެ ވަގުތީ ބަރުދަނުގައި 126.6 ގްރާމް ހުރިކަމަށާއ،ި އެހެންކަމުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިން ވަރަށް ހެކިލިބިފައިވާކަމަށް ދައުލަތުން ވިދާޅުވިއެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ވިޔަފާރީގެ ބޮޑެއް ކަމަށް ދައުލަތުން ވިދާޅުވިއެވެ.

"ފުލުހުންގެ ހިދުމަތުގެ ސާޖަންޓް ހަސަން ސިނާންގެ ބަޔާނުގައ،ި މއ. ޑެނިޔުބު ކިޔާގޭގެ ދޮރުގައި ޓަކިޖެހުމުން ދޮރުހުޅުވާފައި ނުވާކަމާއ،ި ފުރާޅަށް އެއްޗެތި އުކާލިއަޑު އިވުނުކަމާއ،ި ހުސައިން ޔާމީން އިބްރާހީމްގެ އަތުން ލޭއައިސްފައި ހުރިކަމަށާއ،ި އެތަނުގެ ކުޑަދޮރުން ބޭރުބަލާއިރު ފެންނަ ފުރާޅުމަތިން މަސްތުވާތަކެތި ފެނުނުކަމަށް ބުނެފައިވާ ކަމަށެވެ. މި ހާދިސާގައި ފެނިފައިވާ ހުރިހާ މަސްތުވާތަކެއްޗަކީ ހުސައިން ޔާމީން އިބްރާހީމްއަށް ނިސްބަތް ކުރެވޭ މަސްތުވާތަކަމަށް ދައުލަތުން ދެކޭކަމަށެވެ" ދައުލަތުން ވިދާޅުވިއެވެ.

އެހެންވެ ދައުލަތުން ވަނީ ހުސެއިން ޔާމީން ބަންދާމެދު އަލުން ގޮތެއް ކަނޑައަޅައި ދިނުމަށް ކުރިމިނަލް ކޯޓަށް މައްސަލަ އަނބުރާ ފޮނުވާ ދިނުމަށެވެ.

އެ މައްސަލަ ބެލުމަށްފަހު، ރައުޔުގައި ފަނޑިޔާރު ވިދާޅުވީ، ދައުލަތުގެ ފަރާތުން ހައި ކޯޓުގެ ދެއްކެވި ވާހަކަތަކަކީ ކުރިމިނަލް ކޯޓުގައި ދައްކަވާފައިވާ ވާހަކަތަކަކަށް ނުވުމުން އެކަންކަމަށް ރިއާޔަތް ނުކުރެވޭނެ ކަމަށެވެ. ފުރާޅުން މަސްތުވާތަކެތި ފެނުނު ކަމާއި މަސްތުވާތަކެތި ކިރަން ބޭނުންކުރާ ކައްޓާ އަދި ފައިސާ ފެނުނުކަން ދައުލަތުން ކުރިމިނަލް ކޯޓުގައި ފާހަގަކޮށްފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

"ދައުލަތުގެ ފަރާތުން ކަމެއް ނައްޓާލައިގެންދާ ކޮންމެ ފަހަރަކު އިސްތިއުނާފީ ކޯޓަށް އައިސް، ކުށުގެ ކުޑަބޮޑުމިނާއި ދޫވުމުގެ ނަތީޖާގެ މައްޗަށް ބިނާކޮށް، ދަށު ކޯޓުގެ ނިންމުން ނުރަނގަޅު ކަމަށް ކަނޑައެޅުމަށް އެދި ދައުލަތުގެ ފަރުވާކުޑަ އަމަލުތަކުގައި މަލަން އަޅަން އުޅުމަކީ ގާނޫނީ ހަމަ ކަމަކަށް ނުދެކެމެވެ." ފަނޑިޔާރު ވިދާޅުވިއެވެ.

އެއީ ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުން ކަމަށާއި ދައުލަތުން އެގޮތަށް ކަންކަން ކޮށްގެން ނުވާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ދައުލަތުގެ އެ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދެނީ ދަށު ކޯޓުތަކުން ފަރުވާކުޑަކޮށް މައްސަލަތައް ބަލާކަމުގެ ތަސައްވަރެއް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. "މަސްތުވާތަކެތި ޓްރެފިކްކުރާ ކަން އެނގޭއިރު އެހެރަ ދޫކޮށްލީ އެވެ. މިއީ ފަނޑިޔާރުގެއާ މެދު ނުބައި ތަަސައްވުރެއް އުފެދުން" ރައްޔިތުން ދެކޭނީ އެގޮތަށް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ކުރިމިނަލް ކޯޓުގެ ނިންމުން، ދައުލަތުން ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅީ ވެސް ފުލުހުންގެ ފަރާތުން ސާފުކުރަން ޖެހޭ މައުލޫމާތު ސާފުކުރުމެއް ނެތި ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންވެ ތިން ފަނޑިޔާރުގެ އިއްތިފާގުން ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ، ހުސެއިން ޔާމީން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް، ފަނޑިޔާރު ދީބާނާޒް ފަހުމީ (ރިޔާސަތު) އަދި ފަނޑިޔާރު ހުސެއިން ޝަހީދެވެ.