އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މާސީސައިޑް ޑާބީގައި ލިވަޕޫލުން އެވަޓަން ބަލިކުރި އިރު، މެންޗެސްޓާ ސިޓީން ބްރައިޓަން ބަލިކޮށް އަނެއްކާވެސް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ލިވަޕޫލުން މިއަދު އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެވަޓަން ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެ ގޯލުވެސް ޖެހީ މިސްރުގެ ތަރި، މުހައްމަދު ސަލާހެވެ. ސަލާހް މިދިޔަ ހަފުތާގައި ފަލަސްތީނާ އެއްކޮޅަށް އަޑު އުފުލާފައިވާ އިރު، މިއަދުގެ މެޗު ކުޅުނު ވަގުތުވެސް ލިވަޕޫލް ސަޕޯޓަރުން ވަނީ ގާޒާއަށް ތާއީދުކޮށް ބެނާތައް ދަނޑުން ދައްކުވާލައިފައެވެ.
މެޗު އެވަޓަންއިން ވަރުގަދަކޮށް ފަށައި، ފުރަތަމަ ކޮޅުގައި ހަމަލާތައް އުފެއްދިއެވެ. ޑޮމިނިކް ކަލްވާޓް-ލެވިން ބޮލުން ޖެހި ބޯޅަ ސީދާ އެލިސަން ބެކާއާ ދިމާލަށް ދިޔައިރު، ޑްވައިޓް މެކްނީލް ޖެހި ބޯޅަ ދިޔައީ ދަނޑި މަތީގައި ޖެހިފައި ބޭރަށެވެ.
ފުރަތަމަ ހާފުގައި ލިވަޕޫލްގެ ނުރައްކާ ކުޑަކުޑަކޮށް ފެނިގެން ގޮސްފައިވާ އިރު، އެޓީމުން ނުރައްކާ ބޮޑު ކުރީ ދެވަނަ ހާފުގައި އެވަޓަންގެ އެޝްލީ ޔަންގަށް ދެއްކި ރަތްކާޑާ އެކުގައެވެ. އެލެކްސިސް މެކް އަލިސްޓާއާއި ޑާވިން ނުނޭޒްގެ އިތުރުން ޑޮމިނިކް ޒޮބޮސްލާއީގެ ހަމަލާތައް ފާހަގަވެގެން ގޮސްފައިވެއެވެ.
އެ ހަމަލާތަކަށްފަހު ލިވަޕޫލުން ލީޑު ނެގީ 75 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މައިކަލް ކީން އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ހަމަޖެހިލައިފާ ސަލާހް ގޯލަށް ވައްދާލި އިރު، އޭނާ ލީޑު ފުޅާކުރީ މެޗު ނިމެން ދަނިކޮށެވެ. އެއީ ސަލާހް ކެރިއަރުގައި ޖެހި 201 ވަނަ ލީގު ގޯލެވެ.
ސިޓީން މިރޭ ބްރައިޓަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރީކޮޅުގައި ޑޯކޫ ތަނަވަސްކުރި ފުރުސަތަކުން ޖޫލިއަން އަލްވަރޭޒް ސިޓީއަށް ލީޑު ނަގައިދިންއިރު، 19 ވަނަ މިނެޓުގައި ސިޓީގެ ދެވަނަ ގޯލު ޖެހީ އާލިން ހާލަންޑެވެ.
މިދިޔަ ސީޒަނުގައި 52 ގޯލު ޖެހި ހާލަންޑް މިރޭގެ މެޗުގައި ގޯލު ޖެހީ އޭނާ ސިޓީއަށް އެންމެފަހުން ކުޅުނު ތިން މެޗުގައިވެސް ގޯލެއް ނުޖެހި އޮތުމަށްފަހުއެވެ.
މެޗުގެ ފަހުކޮޅުގައި އަންސޫ ފަޓީ ބްރައިޓަންއަށް ގޯލެއް ޖެހި ނަމަވެސް، އެޓީމަށް އެއްވަރު ކުރެވޭ ގޮތެއް ނުވިއެވެ. ސިޓީގެ މެނުއަލް އަކާންޖީއަށް ފަހުވަގުތު ރަތް ކާޑު ދެއްކުމުން، އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ.
މިވަގުތު ސިޓީ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ނުވަ މެޗުން 21 ޕޮއިންޓާއެކުގައެވެ. ލިވަޕޫލް ދެވަނައިގައި އޮތީ ނުވަ މެޗުން 20 ޕޮއިންޓާއެކުގައެވެ. މިވަގުތު ތިންވަނައިގައި އޮތީ ޓޮޓެންހަމްއެވެ. އެއީ އަށް މެޗުން 20 ޕޮއިންޓާއެކުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު