ހިޔާ ފުލެޓުތަކުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާނެ ކަމަށާއި އޭގެ ތެރެއިން އެއް ލިފްޓަކީ ބަލި މީހުން އުފުލާ ސްޓެރެޗާ އެރުވޭ ވަރުގެ ލިފްޓެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފޭސް ދޭއްގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ހިޔާ ސަރަހައްދަށް ކޮށްދެއްވަން ވައުދުވެވަޑައިގެންނެވި ކަންކަން ކޮށްދެއްވާނެ ކަމަށެވެ.
މި ސަރުކާރުން ވަނީ އެ މަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި 200 މިލިއަން ރުފިޔާ ހިމަނައި ދެއްވާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބަޖެޓު ހެދުމުގެ މަރުހަލާގައި މިހާރު ރޭގަ ވާނީ މި ސަރުކާރުން ބަޖެޓު ހުށަހަޅާއިރު އަޅުގަނޑުމެންނަށް މިހާރު ފުރުސަތު ދީފައޮތް ގޮތަށް ބަޖެޓު ހުށަހެޅިއިރުގަ، އެއް ކަމަކަށް ހިމަނާފައި އަޅުގަނޑު ދެންނެވިން މި ޓަވާތަކުގެ އިތުރު ލިފްޓު ހަރުކޮށްދޭނަމޭ. ކޮންމެ ޓަވަރަކަށް ދެ ލިފްޓު އަންނާނެ، އެއް ލިފްޓަކީ ސްޓެރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެއް. އަނެއް ލިފްޓަކީ ގާތްގަޑަކަށް 14 މީހުންގެ ކެޕޭސިޓީ ލިފްޓެއް،" މުއިއްޒު ވިދާޅުވިއެވެ.
ހިޔާ ސަރަހައްދަށް ބޯކޮށް ވާރޭ ވެހެމުންދާތީ މުއިއްޒު ވަނީ ވާހަކަފުޅު ކުރުކުރައްވައި، ސަޕޯޓަރުންނާ ސަލާމް ކުރައްވައި އެކުގައި ފޮޓޯ ނަންނަގަވައިފައެވެ. އެއިރު ވެސް ދިޔައީ ބޯކޮށް ވާރޭ ވެހެމުންނެވެ.
މުއިއްޒުގެ އިތުރުން އިންތިހާބީ ރައީސް ހުސެއިން މުހައްމަދު ލަތީފު (ސެންބެ) ވެސް ވަނީ ސަޕޯޓަރުންނާ ސަލާމް ކުރައްވައި ފޮޓޯ ނަންގަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު