އަންނަ އަހަރު ބާއްވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި އެ އެސޯސިއޭޝަންގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް ކުރީގެ އެއްވަނަ ފޯވަޑް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އިއުލާން ކުރައްވައިފިއެވެ.

ދިވެހި ފުޓުބޯޅަ ފެއިލްވެ، ހާލަތު ގޯހުން ގޯހަށް ގޮސްފައިވާ އިރު، އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވަނީ ވެފައެވެ. އޭގެ އިތުރުން ދަރަނީގެ ބޮޑެތި މައްސަލަތަކެއްވެސް ފެންމަތިވެފައިވާ އިރު، އެފްއޭއެމްގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.

އެކަމުގެ ސަބަބުން އެފްއޭއެމްގެ ވެރިންނަށް ޕްރެޝަރާވެސް ކުރިމަތިލާން ޖެހިފައިވާ އިރު، ކްލަބުތަކަށްވެސް އޮތީ އިތުރު ގޮތެއް ހޯދަން މަޖުބޫރުވެފައެވެ. ކްލަބުތަކުން ސީދާ ހަރަކާތަކަށް އަދި ނުނިކުތް ނަމަވެސް، ބޮޑެތި ކްލަބުތަކެއް ބައްސާމް ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ވަނީ މައުލޫމާތު ލިބިފައެވެ.

އެގޮތުން ބައެއް ކްލަބުތަކުން ދިވެހި ފުޓުބޯޅަ ތާރީހު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެފްއޭއެމްގެ ރައީސް ކަމަށް ގެންނަންވެސް މަސައްކަތްތަކެއް ކުރަމުންދެއެވެ.

އެފްއޭއެމްއަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވަމުން ޓޮމް މިއަދު ފޭސްބުކްގައި ވިދާޅުވީ މިހާރު ފުޓުބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް، ފުޓުބޯޅަ އާއިލާގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމަށް ބައްސާމް، 2016 ވަނަ އަހަރު ހޮވިވަޑައިގެންނެވީ ޓޮމްއާ ވާދަކުރައްވައި ކާމިޔާބު ހޯއްދެވުމަށް ފަހުއެވެ. އެފްއޭއެމްގެ ރައީސްގެ މަގާމު ޓޮމް މީގެ ކުރިން ފުރުއްވާފައިވާ އިރު، އޭރު އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވީ ބައްސާމެވެ.

ޓޮމް، އެފްއޭއެމްގެ ރައީސް ކަމަށް ގެނައުމަށް ތާއީދުކޮށް ފޭސްބުކް ޕޭޖެއްވެސް ވަނީ ހަދައިފައެވެ. އެއީ، "އަހުމަދު ތޯރިގު - ޓޮމް ފޯ އެފްއޭއެމް" ގެ ނަމުގައެވެ. މިހާތަނަށް ޓޮމްއަށްވެސް ބައެއް ފުޓުބޯޅައިގެ އިސް ފަރާތްތަކުން ތާއިދުކޮށްފައިވާ އިރު، އޭގެ ތެރޭގައި ރާއްޖޭގެ ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު (އިއްމަ) ހިމެނެއެވެ.