ފުޓްސަލް ލީގެއް ގާއިމުވެ، ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރަސްމީކޮށް ގައުމީ ފުޓްސަލް ލީގެއް ތައާރަފް ކުރުން އެއީ ފުޓްސަލް ކުޅުންތެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދޭނެ މަގެއް ކަމަށް އެފްއޭއެމްގެ ރައީސް، މަހުބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
ގައުމީ ފުޓްސަލް ޓީމުން ދާދިފަހުން، ސަރަހައްދީ ހުރިހާ ގައުމެއް ބަލިކޮށް ސާފް ފުޓްސަލް ޗެމްޕިއަންކަން ހޯދާފައިވާ އިރު، އެ ކުޅުންތެރިންނަށް އަދިވެސް ގިނަ އުނދަގޫތަކެއް އެބަހުއްޓެވެ. އެގޮތުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭ ހާއްސަ މުސާރަވެސް ފުޓްސަލް ކުޅުންތެރިންނަށް އަދިވެސް ލިބޭ ގޮތްވެފައި ނުވާ އިރު، ކުޅުންތެރިންގެ އިންޝުއަރެންސް ސްކީމަށްވެސް އެ ކުޅުންތެރިންނެއް ނުފެތެއެވެ. އަދި ކުޅިވަރު އެވޯޑު ހަފުލާގައި ފުޓްސަލް ކުޅުންތެރިންނަށް އެވޯޑު ނުލިބުން އޮތީ ޝަކުވާއަކަށްވެފައެވެ.
އެކަމުގައި އެކި ފަހަރުމަތިން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ)ވެސް ވާހަކަފުޅު ދައްކަވާފައިވާ އިރު، އެގޮތުން ދާދިފަހުން ރައީސް އޮފީހުގައި ބޭއްވި ޕްރެސްއެއްގައި ރާފިއު ވިދާޅުވީ ކުޅުންތެރިންނަށް މުސާރަ ދޭން މިހާރު އޮންނަ އުސޫލުގައި، ގައުމީ މުބާރާތެއް ކުޅެވެން ޖެހޭ ކަމަށެވެ.
"ހުޅުވާލެވިގެން ގައުމީ މުބާރާތެއް އެއް އަހަރު ދުވަހުގައި ކުރިއަށްގެންދެވިގެން، އެޕެޓާން އެހިސާބަށް ދިޔައީމަ މުސާރަ ދޭ ހިސާބަށް މި ދަނީ. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އެކަން ފަހިވެގެންދާނެ،" ރާފިއު ފާހަގަކުރައްވާފައިވެއެވެ.
ރާފިއު ވިދާޅުވީ އެކަންކަމަށް ފުރިހަމަ ހައްލެއްް އަންނަ އަހަރު ލިބޭނެކަމުގެ ޔަގީންކަން ދެއްވަވާ ކަމަށެވެ.
އެެފްއޭއެމްއިން ލީގަކަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ފުޓުބޯޅައިގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލާ އެއްގޮތަށް މިހާރު ވަނީ ފުޓްސަލް ޗެމްޕިއަންޝިޕެއް ބާއްވަން އިއުލާނު ކޮށްފައެވެ. އެއީ ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން ފުޓުބޯޅަ މުބާރާތްތައްވެސް ކުޅޭ އުސޫލުންނެވެ.
އެއާއެކު މިއަދު އެފްއޭއެމްގައި ބޭއްވި ހާއްސަ ޕްރެސްއެއްގައި ފުޓްސަލް މުބާރާތް ހިންގާ ކްލަބު މޯލްޑިވްސްއާއެކު ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށް، ކްލަބު މޯލްޑިވްސް ކަޕަކީ ރާއްޖޭގެ ފުޓްސަލް ފަސްޓް ޓަޔާ ކަމަށް ވަނީ އިއުލާނު ކޮށްފައެވެ.
އެ އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ތޯރިގު ވިދާޅުވީ ފުޓްސަލް ލީގަކަށް ކުރަމުންދާ މަސައްކަތަކީ ކުޅުންތެރިންނަށް މުސާރަ ދޭން ކުރަން ޖެހޭ މަސައްކަތެއް ކަމަށާއި، އެކަމަށްޓަކައި ދަނީ ރަނގަޅު މިސްރާބަކަށް ކަމަށެވެ. އަދި ކްލަބު މޯލްޑިވްސް ކަޕަކީ އެވޯޑު ދިނުމުގައި ބަލާނެ މުބާރާތް ކަމަށްވެސް ތޯރިގު ފާހަގަކުރެއްވިއެވެ.
ތޯރިގު ވިދާޅުވީ ކްލަބު މޯލްޑިވްސް ކަޕަށް އަތޮޅު ތެރޭގައި ބާއްވާ މުބާރާތްތަކުން ޓީމް ކޮލިފައިވާނެ ސްޓްރަކްޗާއެއް އިއުލާނު ކުރައްވާނެ ކަމަށާއި، ފުޓްސަލްގެ ކާމިޔާބީ ދެމެހެއްޓުމަށް އެފްއޭއެމް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް