އޭޝިއާ ފުޓުބޯޅައިގެ މައި އިދާރާ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް) އިން ދައްކަން ޖެހިފައި އޮތް ދަރަނި މައާފުކޮށްދީ، އަލުން ފަންޑިން ދޭން ފަށަން ނިންމައިފިއެވެ.

އެފްއޭއެމްއިން އޭއެފްސީއަށް ދައްކަން ޖެހިފައި އޮތީ 253،030 ޑޮލަރެވެ. ރާއްޖޭން އޭއެފްސީއަށް އެ ފައިސާ ދައްކަން ޖެހުނީ 2023 ވަނަ އަހަރު އެ އިދާރާއިން ދިން ފަންޑް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް އޭއެފްސީގެ އޮޑިޓަށް ފާހަގަވުމުންނެވެ. އެ މައްސަލައިގައި އޭއެފްސީން އޮތީ ރާއްޖެއަށް ފަންޑިންވެސް ކަނޑާލައިފައެވެ.

އެފްއޭއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ފަންޑިން ސަސްޕެންޝަން އުވާލައިދިނުމަށާއި، ދައްކަން ޖެހޭ ފައިސާ މައާފުކޮށްދޭން އެދުމުން އޭއެފްސީ އެގްޒެކެޓިވް ކޮމިޓީއަށް އެކަން ހުށަހަޅައި، މިހާރު ގޮތް ނިންމާފައިވާ ކަމަށެވެ. އަދި އޭއެފްސީން މިހާރު ނިންމާފައި ވަނީ 2027 އިން ފެށިގެން ރާއްޖެއަށް ފަންޑިންނަށް ކުރިމަތިލެވޭ ގޮތަށް ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ.

އެފްއޭއެމްއިން ބުނީ އޭއެފްސީގެ އެ ނިންމުމަކީ ރާއްޖޭން އޭއެފްސީއާއެކު ފުޓުބޯޅަ އިތުރަށް ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތަށް ލިބުނު މުހިއްމު ފުރުސަތެއް ކަމަށެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ވެރިކަމުގައި އެ އިދާރާއިން ހިންގާފައިވާ އެތައް ކަމެއްގެ މައްސަލަ މިހާރުވެސް ދަނީ ބަލަމުންނެވެ. އޭރު އެފްއޭއެމްއަށް ފީފާއިން ދިން ފައިސާވެސް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ އިރު، އެފަދަ މައްސަލައެއްގައި ދާދިފަހުން ފީފާއިން ނިންމާފައި ވަނީ ބައްސާމް އުމުރަށް ފުޓުބޯޅައިން ސަސްޕެންޑް ކުރުމަށެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންގެންދާ ބައްސާމް އުމުރަށް ސަސްޕެންޑް ކުރަން ނިންމާފައި ވަނި ކޮވިޑް 19 ގެ ހާލަތާ ގުޅިގެން ގައުމުތަކުގެ ފުޓުބޯޅައަށް ލިބުނު ގެއްލުމުން އަރައިގަންނަން ފީފާއިން ދިން ކޮވިޑް ރިލީފް ފަންޑުގެ ބޭނުން އަމިއްލައަށް ކޮށްފައިވާކަން އެނގިފައިވާތީއެވެ.