ޔޫއެފާ ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗުތަކުން ނެދަލޭންޑްސްއާއި ޕޯޗުގަލްވެސް މޮޅުވެއްޖެއެވެ.
ނެދަލޭންޑްސް އިން ކޮލިފިކޭޝަން ގްރޫޕް ބީގައި ރޭ ރަށުން ބޭރުގައި ގްރީސް ބަލިކުރީ 1-0ގެ ނަތީޖާ އަކުންނެވެ. އެ ނަތީޖާ އާއެކު ނެދަލޭންޑްސްއަށް ވަނީ ޖަރުމަނުގައި އަންނަ އަހަރު އޮންނަ ޔޫރޯއަށް ކޮލިފައިވުމަށް ބޮޑު ފުރުސަތެއް ފަހިވެފައެވެ. އެ ގްރޫޕުން ފްރާންސް މިހާރު ކޮލިފިކޭޝަން ޔަގީން ކޮށްފައި އޮތްއިރު، ނެދަލޭންޑްސްއަށް ދެން ބާކީ އޮތީ ޖިބްރާލްޓާއާއި ރިބަޕްލިކް އޮފް އަޔަލޭންޑާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
އެ ދެ މެޗުން މޮޅުވެ، ނެދަލޭންޑްސްއަށް ޔޫރޯ ކޮލިފިކޭޝަން ޔަގީން ކުރެވޭނެއެވެ. މި ވަގުތު ގްރީސްއާއި ނެދަލޭންޑްސް ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި އޮތްއިރު، އެ ޓީމުން ދެ ފަހަރަށް ގްރީސް ބަލިކުރުމުން ހެޑް ޓު ހެޑުން ކުރި ލިބެއެވެ.
ނެދަލޭންޑްސްއަށް ރޭގެ މެޗުގައި ގޯލެއް ޖެހުމަށް އުނދަގޫތަކާ ދިމާވެފައިވެއެވެ. ފުރަތަމަ ހާފުގައި އެ ޓީމަށް ޕެނަލްޓީއެއް ލިބި، ވޯޓް ވެގޯސްޓް އަތުން ނާކާމިޔާބުވި އިރު، މެޗުގެ ނިމެންދަނިކޮށް ފަހު މިނެޓުގައި ގޯލު ޖެހީ ވާޖިލް ވެން ޑައިކެވެ. 93 ވަނަ މިނެޓުގައި ވެން ޑައިކް ގޯލު ޖެހީވެސް ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީއަކީ ޑެންޒިލް ޑަމްފްރީސްއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.
ޔޫރޯ ކޮލިފިކޭޝަން ގްރޫޕް ޖޭއިން ޕޯޗުގަލް މިހާރުވެސް ކޮލިފިކޭޝަން ޔަގީން ކޮށްފައި އޮތްއިރު، ރޭ ރަށުން ބޭރުގައި ބޮސްނިއާ ބަލިކުރީ 5-0ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ފަސް ގޯލުވެސް ފެނިގެން ގޮސްފައިވާ އިރު، ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހައިފައެވެ.
ރޭގެ މެޗުގެ ފުރަތަމަ 20 މިނެޓް ތެރޭގައި ރޮނާލްޑޯގެ ދެ ގޯލު ފެނިގެން ގޮސްފައިވާ އިރު، އެ ދެ ގޯލާއެކު ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ރޮނާލްޑޯ ވަނީ އިތުރަށް ފުޅާކޮށްފައެވެ. މިހާތަނަށް އޭނާ ވަނީ 127 ގޯލު ގައުމީ ޓީމަށް ޖަހައިފައެވެ.
ރޮނާލްޑޯގެ އިތުރުން ރޭގެ މެޗުގައި ޕޯޗުގަލްއަށް ގޯލުތައް ޖަހައި ދިނީ ބްރޫނޯ ފެނާންޑޭޒްއާއި ޖާއޯ ކާންސެލޯ އަދި ޖާއޯ ފެލިކްސްއެވެ.
ޔޫރޯ ކޮލިފައިން
ޔޫރޯ ކޮލިފައިން
ޔޫރޯ ކޮލިފައިން
ޔޫރޯ ކޮލިފައިން