ރާއްޖެއާ ދެކޮޅަށް ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި މިއަދު ކުޅޭ މެޗަކީ މިދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައިވެސް ބަންގްލަދޭޝްއަށް އެންމެ މުހިންމު މެޗު ކަމަށް ކެޕްޓަން ޖަމާލް ބުޔާން ބުނެފިއެވެ.

ރާއްޖެއާއި ބަންގްލަދޭޝް ކޮލިފިކޭޝަން ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެ މެޗު 1-1 އިން އެއްވަރުވީ ބަންގްލަދޭޝް އިން ފަހު މިނެޓުގައި ގޯލު ޖަހައިގެންނެވެ. އެއީ ބަންގްލަދޭޝް އިން ރާއްޖޭގައި އެއްވަރުވި ފުރަތަމަ ފަހަރެވެ. ދެވަނަ ލެގުގައި މިއަދު ހަވީރު ރާއްޖެއާއި ބަންގްލަދޭޝް ބަޝުންދަރާ އެރީނާގައި ނުކުންނަ އިރު، ބަންގްލަދޭޝްއަށް އުންމީދު ބޮޑު ކަމަށް ކޯޗު ހާވިއާ ކަބްރޭރާ އަދި ޖަމާލްވެސް ފާހަގަކުރިއެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން ކެޕްޓަން ޖަމާލް ބުނީ ސަރަހައްދީ ފުޓުބޯޅައިގެ ވާދަވެރިކަމަށް ބަލާއިރުވެސް އަދި މެޗުގެ މުހިންމު ކަމަށް ބަލާއިރުވެސް މިއަދުގެ މެޗަކީ ބަންގްލަދޭޝްގެ ތާރީހުގައިވެސް އެންމެ މުހިންމު އެއް މެޗު ކަމަށެވެ.

"ރާއްޖެއާ ދެކޮޅަށް ކުޅެ މޮޅުވާން މަޖުބޫރު. މެޗު ވެގެންދަނީ މިއަހަރުގެވެސް އެންމެ މުހިންމު އަދި މިދިޔަ ދެތިން އަހަރުވެސް އެންމެ މުހިންމު މެޗަށް. އެހެންވީމަ މޮޅުވާންޖެހޭ،" ޖަމާލް ބުންޏެވެ.

ރާއްޖެއާއި ބަންގްލަދޭޝް ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގައި ވާދަކުރަން ފުރުސަތު ލިބޭއިރު، އެ ގްރޫޕްގައި މި ވަގުތު ހިމެނިފައި އޮތީ ވަރުގަދަ އޮސްޓްރޭލިއާއާއި ލުބުނާން އަދި ފަލަސްތީނެވެ. ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ އަހަރު މާޗު މަހުން ފެށިގެން ޑިސެމްބަރާ ހަމައަށް ކުރިއަށްދާ އިރު، އެ ގްރޫޕްގައި ހަ މެޗު ކުޅެލަން ލިބުމަކީ ރާއްޖެ ކަހަލަ ޓީމަކަށް ލިބޭނެ ބޮޑު ފުރުސަތެކެވެ.

މިއަދުގެ މެޗާ ގުޅޭ ގޮތުން ވާހަކަދައްކަމުން ބަންގްލަދޭޝްގެ ކޯޗު ކަބްރޭރާ ބުނީ ރާއްޖޭގައި ކުޅުނު މެޗު އެއްވަރު ކޮށްލެވުމަކީ ލިބުނު ހިތްވަރެއް ކަމަށާއި އަމިއްލަ ދަނޑަށް ނުކުންނާނީ ކޮންފިޑެންސާއެކުގައި ކަމަށެވެ. އަދި މިއަދުގެ މެޗަކީ މިދިޔަ ދެ އަހަރު ދުވަހު އޭނާ ގައުމީ ޓީމާއެކު ކުރި މަސައްކަތް ވަޒަންކޮށް، ބަންގްލަދޭޝްގެ އަމިއްލަ ސްޓައިލްގައި މޮޅުވާން ޖެހޭނެ މެޗެއް ކަބްރޭރާ ބުންޏެވެ.

ބަންގްލަދޭޝް އާއި ރާއްޖެ ވާދަކުރާ މެޗު އޮންނާނީ މިއަދު ރާއްޖެ ގަނޑިން ހަވީރު 4:45 ގައެވެ.