ހުއްދަނެތި އަދި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ހިންގަމުންދިޔަ ބަންގުލަދޭޝް ތިން މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އާމިރު ހުސައިން، އެމްޑީ މީޒާނުއްރަހްމާން އަދި ސިރާޒް ހާން ކަމަށާއި، އެމީހުން ބަންދުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށް ފުލުހުން ބުންޏެވެ.
އެ ތިން މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ކުރި މަސައްކަތުންކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށާއި، އެ ތިން މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށްކަމަށް ފުލުހުން ބުންޏެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު، އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރައްވަން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އެ ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބާ އަދި ވަޓްސްއެޕް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެއްވޭނެކަމަށް ފުލުހުން ބުންޏެވެ.
އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށް ފުލުހުން ބުންޏެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް