ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަނބުރާ ގައުމަށް ގެންދިއުމަށް ގާނޫނީ މަރުހަލާގެ އިތުރުން އިންޑިއާގެ ސިޔާސީ ނިޔަތް ވެސް މުހިންމު ކަމަށް ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރ ފޯ ފޮރިން އެފެއާޒް ޝާމާ އޮބައިދު އިސްލާމް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ޑާކާގައި ހުންނަ ފޮރިން މިނިސްޓްރީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝާމާ ވިދާޅުވި ގޮތުގައި، ހަސީނާ އަނބުރާ ގެންދިއުމުގެ މަރުހަލާ އަވަސްކުރުމަށް އިންޑިއާ ސަރުކާރުން ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުންމީދުކުރައްވައެވެ.

ޝާމާ މިހެން ވިދާޅުވީ، ހަސީނާ އަނބުރާ ފޮނުވާލުމާ ގުޅޭ ގޮތުން ވަކި މުއްދަތެއް ދެވެން ނެތް ކަމަށް ބަންގްލަދޭޝްގައި ހުންނަވާ އިންޑިއާގެ ސަފީރު ދިނޭޝް ޓްރިވެދީ ހޮނިހިރު ދުވަހު ވިދާޅުވުމާ ގުޅިގެންނެވެ.

ޑާކާގައި ބޭއްވި ބޭ އޮފް ބެންގޯލް ކޮންވަޒޭޝަންގައި ވާހަކަދައްކަވަމުން ޓްރިވެދީ ވިދާޅުވި ގޮތުގައި، ބަންގްލަދޭޝްގެ ހުށަހެޅުން ކޯޓުތައް ހިމެނޭ ގާނޫނީ މަރުހަލާއެއްގެ ތެރެއިން އަންނަނީ ބަލަމުންނެވެ. އެއީ ވަރަށް ރަނގަޅަށް ރޭވިފައިވާ ގާނޫނީ ނިޒާމެއްގެ ތެރެއިން ހިނގާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދެ ގައުމުގެ ދެމެދުގައި 2013 ވަނަ އަހަރު ހަދާފައިވާ އެކްސްޓްރެޑިޝަން މުއާހަދާގެ ދަށުން ހަސީނާ ގެނެވިދާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޝާމާ ވިދާޅުވީ، އެ މުއާހަދާގެ ދަށުން ހަސީނާ ގެނެވޭނެ ކަމަށާއި އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

2024 ވަނަ އަހަރުގެ އޮގަސްޓު މަހު ބަންގްލަދޭޝްގައި ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން މަގާމުން އިސްތިއުފާދެއްވައި ހަސީނާ ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ. އޭގެ ފަހުން، މުޒާހަރާތައް ރޫޅާލުމުގައި ހިންގި ކަންކަމާ ގުޅިގެން ބަންގްލަދޭޝްގެ ހާއްސަ ޓްރައިބިއުނަލަކުން ވަނީ ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ. ބަންގްލަދޭޝްގެ ސަރުކާރުން އަންނަނީ ހަސީނާ އަނބުރާ ގައުމަށް ގެންދިއުމަށް އިންޑިއާ ސަރުކާރުގައި ތަކުރާރުކޮށް އެދެމުންނެވެ.