މައްކާގެ މިސްކިތެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ކުށުގައި ބަންގްލަދޭޝްގެ ދެ މީހެއްގެ މައްޗަށް ސައުދީ އަރަބިއްޔާއިން މަރުގެ އަދަބު ތަންފީޒުކޮށްފިއެވެ.
ސައުދީ އަރަބިއްޔާގެ ދާހިލީ ވުޒާރާއިން ނެރުނު ބަޔާނަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހު މަރުގެ އަދަބު ދީފައިވަނީ ނަޒްރުލް އިސްލާމް އަބްދުލް ބަސީރު ނަމަކަށް ކިޔާ ފިރިހެނަކާއި ސިތީ އަހްތަރު ނަމަކަށް ކިޔާ އަންހެނަކަށެވެ. އެ ވުޒާރާއިން ބުނި ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މައްކާގެ މިސްކިތެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލުތަކެއް ހިންގުމާ ގުޅިގެންނެވެ. ނަމަވެސް، އެ މީހުން ހިންގި އަމަލުގެ ތަފުސީލެއް އަދި އެއީ ކޮން މިސްކިތެއް ކަމެއް ސައުދީ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ކޯޓުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، މަރުގެ އަދަބު ތަންފީޒުކޮށްފައި ވަނީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ "ތައުޒީރު"ގެ ދަށުންނެވެ.
ސައުދީ ދާހިލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މިފަދަ ހަރުކަށި އަދަބެއް ދިނީ އެ ކުށުގެ ކުޑަބޮޑުމިނަށާއި، މިސްކިތުގެ ހުރުމަތް ކަނޑާލާފައިވާތީ އެކަމަށް ރިއާޔަތްކުރުމަށްފަހުއެވެ. އަދި މި ހުކުމް ތަންފީޒުކޮށްފައިވަނީ ކަމާބެހޭ ކޯޓުތަކުން ހުކުމް ދެމެހެއްޓުމަށްފަހު، ރަސްމީ އަމުރެއްގެ ދަށުން ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. އެ ވުޒާރާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިސްކިތްތަކުގެ ހުރުމަތް ކަނޑާލައި، ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު އިސްލާމީ ޝަރީއަތުގެ ދަށުން ފިޔަވަޅު އެޅުމުގައި ސައުދީ ސަރުކާރުން ދެމިއޮންނާނެ ކަމަށެވެ.
މިކަމާ ގުޅިގެން ޖިއްދާގައި ހުންނަ ބަންގްލަދޭޝްގެ ކޮންސިއުލޭޓުން ބުނި ގޮތުގައި، މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން ސައުދީ ސަރުކާރުން އެކަން އަންގާފައެއް ނުވެއެވެ. އެހެންކަމުން، މި މައްސަލައިގެ ރަސްމީ މައުލޫމާތު ހޯދުމަށް ސައުދީގެ ހާރިޖީ ވުޒާރާއަށް މިހާރު ހުށަހަޅާފައިވާނެ ކަމަށް ބަންގްލަދޭޝްގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ކޮމެންޓް