އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވާނީ 10 އަހަރުގެ ވެރިކަމެއް ކުރައްވަން ކަމަށް ޕީޕީއެމް/ޕީއެންސީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓްރާނިޝިނަލް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ މި ފަސް އަހަރު ނިންމާލާފައި ދެން އަންނަ ފަސް އަހަރަކަށް ކުރިމަތިލާނީ ފުރަތަމަ ފަސް އަހަރުގެ ވައުދުތައް ފުއްދުމަށްފަހު ކަމަށެވެ.
"އަޅުގަނޑުމެން މި ފަސް އަހަރު ފަހުން އަނެއްކާވެސް ޑރ. މުއިއްޒު ގޮވައިގެން އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ މި އަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން ޑރ. މުއިއްޒާ އެކީގަ" އަބްދުއްރަހީމް ވިދާޅުވިއެވެ.
މުއިއްޒު ވެވަޑައިގެންނެވި ހުރިހާ ވައުދުތަކަކީ އެ މަނިކުފާނަށް ފުއްދޭނެ ވައުދުތައް ކަމަށާއި ނުފުއްދޭ ވަރުގެ ވައުދެއް ވެވަޑައިނުގަންނަވާ ކަމަށް މުއިއްޒު ވަނީ ކެމްޕޭނު ތެރެއިން ތަކުރާރުކޮށް ވިދާޅުވެފައި ކަމަށް އަދުރޭ ވިދާޅުވިއެވެ. ދެވަނަ ދައުރުގެ ކެމްޕޭނަށް ރައްޔިތުން ގާތަށް ދިޔުމުން، ވައުދުތައް ނުފުއްދާކަމުގެ ޝަކުވާ ރައްޔިތުން ނުކުރާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވާ ތަރައްގީ ގެންނަން ފަސް އަހަރު މަދު ކަމަށާއި އެ ތަރައްގީ ގެނެވޭނީ އެއް ފިކުރެއްގެ ބޭފުޅުންތަކެއް 10 އަހަރަށް ވެރިކަން ކޮށްގެން ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އެ ހާލަތުގަ އަޅުގަނޑު ތާއީދުކުރާނީ ރައީސް ޔާމީނަށްތޯ، ޑރ. މުއިޒައްތޯ އެއީ މިއަދު ޖަވާބު ދޭން ޖެހޭ ކަމެއް ނޫން. އަޅުގަނޑުމެންގެ އަސާސީ ގަވާއިދު ބުނަނީ ޕާޓީގެ ޓިކެޓު ވާދަކުރައްވައިގެން އިންތިހާބު ކާމިޔާބުކުރައްވާ ވެރިއަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ކަމަށްވަންޏާ، ޕްރައިމަރީ އަކާ ނުލައި ޓިކެޓް ދެވިދާނޭ" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި މުއިއްޒާ ދެމެދުގެ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. މުއިއްޒު އޭނާގެ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ގާނޫނީ އިމުގެ ތެރެއިން ޔާމީން މިނިވަންކޮށްދެއްވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު މުއިއްޒު އެންމެ ފުރަތަމަ ވެސް ގޮވާލެއްވީ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ކަމަށާއި ސަރުކާރުން ވަނީ ޖެހިގެން އައި ދުވަހު ޔާމީން ގެއަށް ބަދަލުކުރައްވާފައި ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
މުއިއްޒަކީ ޔާމީން އެންޑޯސް ކުރެއްވި ބޭފުޅެއް ކަމަށާއި އިތުބާރު ނެތް ބޭފުޅެއް ޔާމީން އެންޑޯސް ނުކުރައްވާނެ ކަމަށެވެ. މި ވަގުތު ރާއްޖޭގައި ތިއްބެވި އެންމެ އިސް ދެ ބޭފުޅުންނަކީ މުއިއްޒާއީ ޔާމީން ކަމަށާއި ޔާމީނަށް އަބަދުވެސް އިހުތިރާމް ކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ޔާމީން އަދި މުއިއްޒާ ދެމެދު މަޝްވަރާތަކެއް ކުރައްވަމުންދާ ކަމަށާއި ނަމަވެސް އެ މަޝްވަރާގެ މައުލޫމާތު އަދި އެނޑިވަޑައިނުގަންނަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު