ޕީއެންސީގެ ޑެޕިއުޓީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ މަގާމަށް ފެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ފަޒުލް ރަސީދު ހަމަޖައްސައިފިއެވެ.
ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަޒުލް އެ މަގާމަށް ހަމަޖައްސާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އޭނާ ވެގެންދާނީ އެ ޕާޓީގައި އެ މަގާމު ފުރުއްވާނެ ފުރަތަމަ މެމްބަރަށެވެ.
ފަޒުލް މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ޓިކެޓުގައެވެ. ފަޒުލް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ބޭފުޅެކެވެ.
މީގެ ކުރިން ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރެއް ނުހުންނަވައެވެ. ޕީއެންސީއަކީ ޕީޕީއެމްއާއެކު ކޯލިޝަން ހަދައިފައިވާ ޕާޓީއެކެވެ. އެ ދެ ޕާޓީއަކީ ވެސް ކުރީގެ ޔާމީންގެ ލީޑާޝިޕުގެ ދަށުން ހިންގަވާ ޕާޓީއެކެވެ. މިހާރު އެ ދެ ޕާޓީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނަވަނީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ.
ޕީޕީއެމްއަކީ މައި ޕާޓީ ކަމަށް ވިޔަސް ޕީއެންސީގެ ޓިކެޓުގައި ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެފައިވާތީ ރާއްޖޭގެ ވެރިކަން ކުރާ މައި ޕާޓީއަށް ވެގެން ވަނީ ޕީއެންސީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު