ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގެ ފުރަތަމަ ބުރުގައި ރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރާ ފުރަތަމަ މެޗުގެ ޓިކެޓް މިރޭ ގައުމީ ދަނޑުގެ އޮލިމްޕަސް ގޭޓުން ވިއްކަން ފަށާނެ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝާއި ރާއްޖެ ކުޅޭ ދެ މެޗުވެސް އޮންނާނީ މިމަހުއެވެ. ދެ ލެގުގެ ފުރަތަމަ މެޗު މާދަމާ ހަވީރު 4:00 ގައި ރާއްޖޭގައި އޮންނަ އިރު، ދެވަނަ ލެގު އޮންނާނީ މިމަހު 17 ވަނަ ދުވަހު ބަންގްލަދޭޝްގެ ސިލްހެޓްގައެވެ.

އެ މެޗު ގައުމީ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ އިރު، ދަނޑުގެ ހާލަތު އޮތް ގޮތުން މިވަގުތު ވިއްކަން ހަމަޖެހިފައި ވަނީ 4500 ޓިކެޓް ކަމަށް އެފްއޭއެމްއިން މައުލޫމާތު ދީފައިވެއެވެ. އޭގެ ތެރެއިން އަވޭ ޓީމަށް ވިއްކަން ނިންމާފައި ވަނީ ޖުމުލަ 20 ޕަސެންޓް ޓިކެޓް ކަމަށްވެސް އެފްއޭއެމްއިން ބުންޏެވެ. އެއީ ބަންގްލަދޭޝް ސަޕޯޓަރުންނަށް ހާއްސަކޮށް ގާތްގަނޑަކަށް 900 އެއްހާ ޓިކެޓެވެ.

ބަންގްލަދޭޝާ ދެކޮޅަށް ރާއްޖެއިން ކުޅޭ މެޗަށް ޓިކެޓް ވިއްކަން ފަށާނީ މިރޭ 8:00 ގައެވެ. އެއީ ގައުމީ ދަނޑުގެ އޮލިމްޕަސް ގޭޓުންނެވެ. ގޮނޑިބަރީ ސަރަހައްދު ޓިކެޓްގެ އަގު 100 ރުފިޔާ ކަމަށް ނިންމާފައިވާ އިރު، ސިޑިބަރީގެ ސަރަހައްދުން ޓިކެޓް ވިއްކަނީ 50 ރުފިޔާއަށެވެ.

މާލޭގައި އެންމެ ފަހުން ކުޅުނު މެޗުތަކުން ރާއްޖޭން ވަނީ ބަންގްލަދޭޝް ބަލިކޮށްފައެވެ. އެ ގޮތުން، 2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ރާއްޖެ ވަނީ 2-0 އިން މޮޅުވެފައެވެ. އަދި މިދިޔަ އަހަރުގެ މާޗް މަހު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ މޮޅުވީ ވެސް 2-0 އިންނެވެ.

އެހެން ނަމަވެސް ރާއްޖެއިން ބޭރުގައި މިފަހަކަށް އައިސް ބަންގްލަދޭޝްއިން ވަނީ ރާއްޖެ ކައިރިން މޮޅުތަކެއް ހޯދައިފައެވެ. އެގޮތުން، މިދިޔަ ޖޫން މަހު އިންޑިއާގައި ކުޅުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް އިން ވަނީ 3-1 އިން ރާއްޖެ ބަލިކޮށްފައެވެ. އޭގެކުރިން، 2021 ވަނަ އަހަރު ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ވެސް ބަންގްލަދޭޝްއިން ވަނީ ރާއްޖެ ބަލިކޮށްފައެވެ. އެފަހަރު އެޓީމު މޮޅުވީ 2-1 އިންނެވެ.