ރާއްޖޭގެ ގައުމީ ޓީމަށް ނަގަން ޖެހޭ ފެންވަރުގެ ކުޅުންތެރިން ކްލަބު އީގަލްސްގައި ތިބިކަމަށް ގަބޫލުކުރާ ކަމަށް އެ ކްލަބުގެ ކޯޗު އަބްދުﷲ ހަނީފް (ބެންޖޯ) ބުނެފިއެވެ.

ކުރިން ގިނަ ދުވަސްތަކެއް ވަންދެން ފުރަތަމަ ޑިވިޝަނުގައި ކުޅުމަށްފަހު މިހާރު ކޯޗުކަމުގެ މަސައްކަތް ކުރަމުންދާ ބެންޖޯ އެހެން ބުނީ އިންޓަނޭޝަނަލް ބްރޭކަށްފަހު ލީގު އަލުން ފެށުމުގެ ކުރިން މިއަދު ބޭއްވި ޕްރިމިއާ ލީގުގެ ޕްރި މެޗު ޕްރެސްގައެވެ. ގައުމީ ދަނޑުގައި ބޭއްވި ޕްރެސްގައި ބެންޖޯ ބުނީ މިދިޔަ އިންޓަނޭޝަނަލް ބްރޭކަށް ނެގި ގައުމީ ޓީމުގައި އީގަލްސްގެ އެއްވެސް ކުޅުންތެރިޔަކު ނެތް ނަމަވެސް، ދެން އޮތްތަނުގައިވެސް ގައުމީ ޓީމުން އެ ކްލަބުގެ ކުޅުންތެރިންނަށް ފުރުސަތު ލިބެން ޖެހޭކަން ގަބޫލުކުރާ ކަމަށެވެ.

"އެބަތިބި ގައުމީ ޓީމަށް ނަގަން ޖެހޭވަރުގެ ކުޅުންތެރިން. އެންމެފަހުން ކުޅުނު ދެމެޗަށް ބެލިޔަސް ނެގޭނެ ވަރުގަދަ ކުޅުންތެރިން އެބަތިބި. އެކަމަކު ގައުމީ ކޯޗުވެސް އެކަން ކުރަނީ އިންސާފުންކަން ގަބޫލުކުރަން،" ބެންޖޯ މިއަދުގެ ޕްރެސްގައި ބުންޏެވެ.

ގައުމީ ޓީމުތައް ނަގާއިރު ވަކި ކްލަބުކަށް ބެލިގެންވާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ބެންޖޯ ފާހަގަކުރި އިރު، އޭނާ އިތުރަށް ބުނީ އެކަމާ މާބޮޑު ކޮމެންޓެއް ކުރަން ވިސްނުމެއް ނެތް ކަމަށެވެ. އަދި ގައުމީ ޓީމު ނެގުމަކީ އަބަދުވެސް ގައުމީ ޓީމުގެ ކޯޗުގެ އަތްމަތީގައި އޮންނަ ކަމެއް ކަމަށާއި، އެކަން ކުރާނީ އިންސާފުންކަން ގަބޫލުވެސް ކުރާ ކަމަށް އޭނާ ބުންޏެވެ. އަދި މިހާރު ހުރި ކޯޗު އިސްތަވާން އުރުބާނީއަކީ ބަރާބަރަށް މެޗުތައް ބަލާ ކޯޗެއްކަންވެސް ބެންޖޯ ފާހަގަކުރިއެވެ.

އީގަލްސްއިން މިހާތަނަށް ލީގުގައި ކުޅެފައިވާ ދެމެޗަކީ ގައްދުއާ ދެކޮޅަށް އެރަށުގައި ކުޅުނު މެޗާއި މާލޭގައި ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗެވެ. އެ ދެމެޗުންވެސް އީގަލްސް އޮތީ މޮޅުވެފައެވެ. އެއީ ގައްދޫ ކައިރިން 2-0 އިން އަދި ބިސް ބުރު ސްޕޯޓްސް ކްލަބު ކައިރިން 3-1 ގެ ނަތީޖާއަކުންނެވެ. ބެންޖޯ ބުނީ މިދިޔަ އަހަރުތަކުގައި އީގަލްސްއިން ރަނގަޅު ވާދައެއް ކުރި ނަމަވެސް، އަދި ޓީމު އޮތީ އެ ފެންވަރުގައި ކަމަށް ނުބުނެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެކަން ނިންމާނީ ނަތީޖާތަކުން ކަމަށް އޭނާ ފާހަގަކުރިއެވެ.

ބެންޖޯ ފާހަގަކުރީ ބްރޭކްގެ ސަބަބުން އިތުރަށް ތައްޔާރުވާން ފުރުސަތެއް ލިބުނު ކަމަށާއި، މެޗަށް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. ބެންޖޯ އިތުރަށް ބުނީ އަވޭގައި ކުޅުމުގެ ތަޖުރިބާއަކީ ލިބުނު ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.

އީގަލްސްގެ ކޯޗު އަބްދުﷲ ހަނީފް (ބެންޖޯ) --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

"ކުރިން ނުލިބޭ ފުރުސަތެއް މިއީ ޓީމުތަކަށް. ރާއްޖޭގެ ފުޓުބޯޅަ މިދިޔަ ވަރަށް ގިނަ ދުވަސްތަކެއްގައި މިކުޅުނީ ސަޕޯޓަރުން ނެތި. ދެން އަވޭ މެޗުތަކާއެކު އަވޭ ސަޕޯޓަރުންގެ ސަޕޯޓާއެކު އެއީ ލިބޭނެ ހިތްވަރެއް. އަދި އެއީ އަވޭ ސަޕޯޓަރުން ވިޔަސް، އެ ސަޕޯޓަރުން ބަލަން ތިބޭތީ، އެއީ ކުޅުންތެރިންނަށް މެޗު ކުޅެލަން އިތުރު ޝައުގުވެރިކަމެއް އުފެދޭ ކަމެއް. އަދި އަވޭ ޓީމުތަކަށް ސަޕޯޓުކުރަން އެ ސަޕޯޓަރުން ދާތީ، ގައުމީ ދަނޑުންވެސް އޭގެ އަސަރު އެބަފެނޭ،" ބެންޖޯ ބުންޏެވެ.

ކުރިން ގައުމީ ޓީމަށްވެސް ކުޅުނު ބެންޖޯ ބުނީ އަވޭ މެޗަކީ ޓީމު އެކުވެލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށާއި، އެއީ ގާތްގަނޑަކަށް ލިބޭ "ކޭމްޕް"އެއް ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ޓީމުތަކަށް ފައިސާގެ ކަންކަން އޮންނަ ގޮތުން ސީޒަނުގެ ކުރިން ކޭމްޕް ކުރަން ނުލިބޭތީ، އަވޭ މެޗުތަކުން އޭގެ ފައިދާ ފެންނަން ކަމަށް ބެންޖޯ ފާހަގަކުރިއެވެ.

އީގަލްސްއިން މިހަފުތާގައި ކުޅެން ޖެހޭނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެމެޗު އޮންނާނީ އާދީއްތަ ދުވަހުގެ ރޭ 9:00 ގައެވެ.