އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން މޮޅުވެ ޓޮޓެންހަމުން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލި އިރު، މިރޭ ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުތައްވެސް ކާމިޔާބުކޮށްފިއެވެ.

ޓޮޓެންހަމުން މިއަދު ކުޅުނު މެޗުގައި ރަށުން ބޭރުގައި 1-0 އިން ލުޓޮން ބަލިކުރި އިރު، ޗެލްސީން ކުޅުނު މެޗުގައި ރަށުން ބޭރުގައި ބާންލީ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އުނދަގޫ ހާލަތެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން މިރޭ ކުޅުނު މެޗު ކާމިޔާބުކުރީ ފަހުވަގުތު ދެ ގޯލު ޖަހައިގެން 2-1 ގެ ނަތީޖާއަކުން ބްރެންޓްފޯޑު ބަލިކޮށްގެންނެވެ.

މިއަދުގެ މެޗުން މޮޅުވެ ޓޮޓެންހަމް ލީގު ތާވަލުގެ އެއްވަނައިގައި އޮތީ އަށް މެޗުން 20 ޕޮއިންޓާއެކުގައެވެ. މިހާތަނަށް ހަތް މެޗުން 18 ޕޮއިންޓާއެކު ދެވަނައިގައި އޮތީ މެންޗެސްޓާ ސިޓީއެވެ. އާސެނަލް ތިންވަނައިގައި އޮތީ ހަތް މެޗުން 17 ޕޮއިންޓާއެކުގައެވެ. ޗެލްސީ މިވަގުތު 10 ވަނައިގައި އޮތީ އަށް މެޗުން 12 ޕޮއިންޓާއެކުގައެވެ. ޔުނައިޓެޑުން މިރޭ މޮޅުވެ، ނުވަވަނައިގައި އޮތީ އަށް މެޗުން 12 ޕޮއިންޓާއެކުގައެވެ.

ޓޮޓެންހަމުން މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، އެޓީމުގެ ވެސް ބިސޫމާއަށް ދެއްކި ރަތްކާޑާއެކު އެޓީމުން ދެވަނަ ހާފު އެއްކޮށް ކުޅުނީ ކުޅުންތެރިޔަކު މަދުންނެވެ. ކުޅުންތެރިޔަކު މަދުކޮށް ދެވަނަ ހާފަށް ނުކުމެވެސް، ޓޮޓެންހަމުން ވަނީ ހާފުގެ ކުރީކޮޅުގައި ލީޑު ނަގައިފައެވެ.

މެޗުގެ 52 ވަނަ މިނެޓުގައި ޓޮޓެންހަމަށް ލީޑު ނަގައިދިނީ މިކީ ވެން ޑެ ވެންއެވެ. އެ ގޯލަކީ ޓޮޓެންހަމަށް ލިބުނު ކޯނަރެއްގައި ޖޭމްސް މެޑިސަން ނަގައިދިން ބޯޅައަކުން ޖެހި ގޯލެކެވެ.

ޗެލްސީން ރަނގަޅު ފޯމަކަށް އެޅެމުންދާ މި ދަނޑިވަޅުގައި އެޓީމު ކޮޅަށް މިރޭ ބާންލީން ފުރަތަމަ ގޯލު ޖެހީ ވިލްސަން އޮޑޮބާޓެވެ. އެ ގޯލާއެކު ޗެލްސީ ހާސްކަމަށް ދިޔަ ނަމަވެސް، އެޓީމުން ހާފު ނިންމާލީ ނަތީޖާ ހަމަހަމަކޮށްގެންނެވެ. ޗެލްސީގެ ފުރަތަމަ ގޯލަކީ އަރިމަތިން ރަހީމް ސްޓާލިން ކުރިއަށް ޖެހި ނަގައިދިން ބޯޅައެއް އަމީން އަލް ދާހިލް ފައިގައި ޖެހިފައި ވަން ގޯލެކެވެ.

ދެވަނަ ހާފަށް ނުކުމެ ޗެލްސީއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ޕެނަލްޓީއެއްގައި ކޯލް ޕާމާއެވެ. އެ ގޯލާއެކު ލީޑު ނެގި ޗެލްސީން 65 ވަނަ މިނެޓުގައި ތިންވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލު ޖަހައިދިނީ ރަހީމް ސްޓާލިންއެވެ. ޗެލްސީގެ ހަތަރުވަނަ ގޯލެއްވެސް މެޗުގައި ފެނިގެން ގޮސްފައިވާ އިރު، އެ ގޯލަކީ ބަދަލަކަށް ނުކުތް ނިކޮލަސް ޖެކްސަން ޖަހައިދިން ގޯލެކެވެ.

ޔުނައިޓެޑުން މިރޭ އުނދަގޫ މެޗަކާ ކުރިމަތިލާފައިވާ އިރު، އަމިއްލަ ދަނޑުގައި ބްރެންޓްފޯޑު ބަލިކުރެވުނީ ކިރިޔާއެވެ. މެޗުގެ 26 ވަނަ މިނެޓުގައި ބްރެންޓްފޯޑުން ލީޑު ނެގީ މެތިއަސް ޖެންސެން ޖެހި ގޯލުންނެވެ. ދެވަނަ ހާފުގައި ޔުނައިޓެޑުން މޮޅުވާން ބުރަކޮށް މަސައްކަތް ކުރި ނަމަވެސް، މެޗުގެ ފަހުވަގުތާ ޖެހެންދެން އެޓީމަށް ގޯލެއް ޖެހިފައެއް ނުވެއެވެ.

މެޗުގެ 93 ވަނަ މިނެޓާއި، 97 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ދެ ގޯލު ފެނިގެންދިޔަ އިރު، އެ ދެ ގޯލުވެސް ޖަހައިދިނީ ބަދަލަކަށް މެޗަށް ނުކުތް ސްކޮޓް މެކްޓޮމިނޭއެވެ.