ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ކައުންޓާ އެނަލިސިސް ސާމްޕަލްވެސް މަނާ ބޭހަށް ޕޮސިޓިވް ވެއްޖެއެވެ.

އެތުލީޓުންގެ ގިނަ ޕާފޯމަންސްތަކަށްފަހު މަނާ ބޭހަށް އަބަދުވެސް ޓެސްޓް ކުރަމުން އަންނަ އިރު، ޕޮގްބާ ފުރަތަމަ މަނާ ބޭހަށް ޕޮސިޓިވް ވެފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު ޔުވެންޓަސްއިން ލީގުގައި އުޑިނޭޒީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ހެދި ޓެސްޓަކުންނެވެ. އެ ޓެސްޓްގެ ނަތީޖާގެ ރިޕޯޓްތައް ބެލުމަށް ފަހު، އިޓަލީގެ އެންޓި ޑޯޕިން އެޖެންސީ (ނާޑޯ) އިން ބުނެފައިވަނީ މަނާ ބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ބޭހެއް ބޭނުންކޮށްފައިވާ ކަން ޕޮގްބާގެ ސާމްޕަލުން އެނގޭ ކަމަށެވެ.

މިވަގުތު ޕޮގްބާ ވަގުތީ ސަސްޕެންޝަނެއްގައި ހުރި އިރު، އުމުރުން 30 އަހަރުގެ ޕޮގްބާގެ ދެވަނަ ސާމްޕަލްވެސް މަނާ ބޭހުގެ ބާވަތެއް ކަމަށްވާ ޓެސްޓޮސްޓެރޯން އަށް ޕޮސިޓިވް ކަމަށް ސްކައި ސްޕޯޓްސްއިން ވަނީ ރިޕޯޓު ކޮށްފައެވެ.

ޓެސްޓޮސްޓެރޯންއަކީ އެތުލީޓުންގެ ޕާފޮމެންސް ރަނގަޅު ކުރުމަށް ބޭނުންކުރާ ބާވަތެކެވެ. ޕޮގްބާ އުޑިނޭޒީއާ ދެކޮޅަށް ނުކުޅުނު ނަމަވެސް، އޭނާ މަނާ ބޭހަކަށް ޕޮސިޓިވްވީ ރެންޑޮމް ސާމަޕަލްއަކުންނެވެ. އެފަހަރު މަނާ ބޭހަށް ޕޮސިޓިވް ވުމާއެކު ޕޮގްބާގެ އެޖެންޓް ބުނީ އުސޫލުތަކުން ބޭރުން ކަންކަން ކުރުމަށް ޕޮގްބާ ބޭނުންނުވާ ކަމަށާއި މަނާ ބޭހެއް ބޭނުންކުރުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ.

ޕޮގްބާގެ ދެވަނަ ސާމްޕަލެއްވެސް މަނާ ބޭހަށް ޕޮސިޓިވްވުމާ އެކު އޭނާއަށް ބޮޑު އަދަބެއް ނޫންނަމަ ގިނަ ދުވަސްތަކެއްގެ ސަސްޕެންޝަނެއް އަންނާނެ ކަމަށް ބެލެވެއެވެ. ޕޮގްބާގެ ކެރިއަރާ މެދު މިވަގުތު ޔުވެންޓަސްއިން އެއްޗެއް ނުބުނި ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި އެއްބަސްވުމާމެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.

ހިލޭ ޓްރާންސްފާއެއްގައި މިދިޔަ އަަހަރު ޕޮގްބާ އަލުން ޔުވެންޓަސް އަށް ބަދަލުވީ ހަތަރު އަހަރުގެ ޑީލެއްގައެވެ. އެކަމަކު، މިދިޔަ ސީޒަނުގައި ލިބުނު އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށް ފަހު، މި ސީޒަނުގައި އެނބުރި އައިސް މިހާތަނަށް ޖުމްލަ އެކު ކުޅެފައިވަނީ ދެ މެޗުގައި އެއްކޮށް، 51 މިނިޓެވެ. އެއީ ޔުވެންޓަސް އިން ބޮލޯނިއާ އާއި އެމްޕޮލީއާ ބައްދަލުކުރި މެޗުތަކުގައެވެ.