މާލެ ސަރަހައްދުގައި އަލަށް ހިއްކާ ބިންތަކުގައި އަސާސީ ހިދުމަތްތަކާ އެކު މި ދައުރު ނިމުމުގެ ކުރީން މީހުން އަބާދުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ، "ވަން މީޑިއާ" އަށް މިއަދު ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގަ އެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ވަރަށް ބޮޑެތި ހަރަދުކޮށްގެން ހިއްކާފައިވާ ބޮޑެތި ބިންތަކުގެ އެއްވެސް ބޭނުމެއް ނުހިފި ހުންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އެކަމަށް ހައްލެއް ގެންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މާލެ ސަރަހައްދު ނޫނަސް، ރާއްޖޭގެ އެހެން ސަރަހައްދުތަކުގަ ވެސް ހިއްކާފަ ހުންނަތާ އެތައް އަހަރެއްވީ ބިންތައް އެބަހުރި. އެތަންތަނުގެ އެއްވެސް ބޭނުމެއް ނުކުރެވޭ. އެހެންވީމަ އެކަމުގަ ދިމާވެފަ ހުރި މައްސަލަތައް ބަލައި، ނިމުމެއް ގެންނާނަން. މާލެ ސަރަހައްދުގައި ވެސް ފުލެޓް ލިބޭ މީހުންނާއި ގޯތި ލިބިގެން ބަދަލުވާން ޖެހޭ މީހުންވެސް، އެމީހުނަށް ހިއްކާ ބިމަކަށް ނަމަ ދެވޭނީ، މަގުތައް ހެދި އަސާސީ ހިދުމަތްތައް ލިބިގެން. އޭގެ ތެރޭގަ ފެނާއި ނަރުދަމާ ފަދަ މުހިންމު ކަންކަން ހިމެނޭނެ. އަޅުގަނޑު އެކަމަށް ޓައިމް ލައިނެއް ހަދާނަން. އަސާސީ ހިދުމަތްތައް ފުރިހަމަކޮށް، މަރުހަލާތަކަކަށް ބަހާލައިގެން މީހުން އާބާދުކުރުން ކުރިޔަށް ގެންދާނަން." ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިހާބު ތެރޭގައިވެސް ވައުދުވެވަޑައިގެންނެވި ފަދައިން، ގޯއްޗާއި ފުލެޓު ލިބޭ މީހުންނަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ މާލީ ފަސޭހަކަން ހޯދައިދިނުމަށް ވެސް އަވަސް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. މާލީ އިދާރާތަކާއި ކަމާ ގުޅުން ހުރި ދާއިރާތަކާ އެކު މަޝްވަރާކުރައްވައިގެން އެ ދަތިކަމަށް ވެސް ހައްލު ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.

އިންތިހާބީ ރައީސް އިތުރަށް ވިދާޅުވީ، މި ސަރަހައްދުގައި 65000 މީހުނަށް އާބާދު ވެވޭނެ މިންވަރަށް ބިން ހިއްކައި ވަސީލަތްތައް ގާއިމުކުރެއްވުމަކީ ރިޔާސީ ވައުދެއް ކަމަށާއި އެ ވައުދު ފުއްދަވާނެ ކަމަށެވެ. އެ ގޮތުން، ވައުދުވެވަޑައިގެންފައިވާ ފަދައިން، ދައުރުގެ ފުރަތަމަ އަހަރުގެ ފަހު ހަމަސް ތެރޭގައި މި ބިން ހިއްކުމުގެ މަސައްކަތް ނިންމަވާނެކަމުގެ ޔަގީން ކަން ޑރ. މުއިއްޒު މިއަދުވެސް ދެއްވެވި އެވެ.