އެ މަނިކުފާނުގެ ހައްގުގައި ބަސް ބުނަންވާނީ ބޮޑެތި މަގާމުތައް ލިބުމުން ނޫން ކަމަށާއި އެ މަނިކުފާނުގެ ހައްގުގައި މަގުމަތީ ތިބެން ކެރެންވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ގޭ ބަންދުގައި މި ވަގުތު ހުންނެވި ޔާމީނަށް، އެ މަނިކުފާނުގެ ސަޕޯޓަރުންގެ ފަރާތުން ރޭ ވަނީ ހާއްސަ ފަރިވަޅެއް އަރުވައިފައެވެ. ފަރިވަޅާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އެ މަނިކުފާނު ދިރިއުޅުއްވާ ހ. ދޫވެހީގެ ކުޑަދޮރު ކައިރީގައި ހުންނަވައި ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ އެ މަނިކުފާނުގެ ހައްގުގައި މަސައްކަތް ކުރައްވަނީ އާންމު މެމްބަރުން ކަމަށާއި މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުން ތިއްބެވީ އެކިއެކި ފިނިކޮޓަރީގައި ކަމަށެވެ.

އެހެންކަމުން ވޯޓަށް އެދި ރައްޔިތުން ގާތަށް އަންނައިރު އެ ބޭފުޅުން އަންނަނީ ގައުމީ ހައްގުގައިތޯ ނުވަތަ އަމިއްލަ ކަމެއް ފުއްދަންތޯ ސާފުކުރަން ރައްޔިތުން ކިބައިން ޔާމީން އެދިވަޑައިގެންނެވިއެވެ.

"ގައުމުގެ ހައްގުގައި މަސައްކަތެއް ކުރާކަމެއްވަންޏާ ގައުމުގެ ހައްގުގައި އެންމެ ވަރުގަދައަށް މަސައްކަތް ކުރެއްވި ލީޑަރުން ތިބެންވާނެ ތިބޭފުޅުންނާއެކު މަގުމަތީގައި. ތިބެންވާނެ، ތިބެންވާނެ. މަގާމުތައް ލިބުނީމައެއް ނޫން ބޮޑެތި ބަސްތައް ބުނަންވާނީ. އެ މީހާގެ އެތެރޭގައި ހުރި ކަމެއް ދައްކަން ވާނީ އޭގެ ކުރިން،" ޔާމީން ވިދާޅުވިއެވެ.

ޔާމީން އެހެން ވިދާޅުވި އިރު، އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހު ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޔާމީން މިނިވަންކުރުމަށް ގޮވާލައި މުޒާހަރާ ނުކުރުމަށާއި ޔާމީން ރީތި ގޮތުގައި މިނިވަން ކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

ނަމަވެސް، އެހެން ވިދާޅުވި ރޭ ވެސް ސަޕޯޓަރުން ޔާމީންގެ ގޭދޮށަށް އެއްވެ އެ މަނިކުފާނު މިނިވަން ކުރުމަށް ވަނީ ގޮވާލައިފައެވެ.

ޔާމީން ރޭ އިތުރަށް ވިދާޅުވީ އެ މަނިކުފާނު މިހާރު ދެކެވަޑައިގަންނަވަނީ ޖަލަކީ ދެވަނަ ގެދޮރުގެ ގޮތުގައި އެ މަނިކުފާނު ޖަލަށްލިޔަސް، ރައްޔިތުން އެ މަނިކުފާނު ދެކެ ވެވަޑައިގަންނަވާ ލޯތްބަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.