ވައުދުވެވަޑައިގެންނެވި ގޮތަށް 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ބޭނުންވާ ބިން އަންނަ އަހަރު ނިމުމުގެ ކުރިން ހިއްކައި ނިންމައިދޭނެކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، އުފާ ފާޅުކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށެވެ.

"ގާތްގަނޑަކަށް 65،000 ރައްޔިތުންނަށް ފަސް އަހަރު ތެރޭގައި ގެދޮރުވެރިކަން ޔަގީންވާ ބިޔަ ބިން މަޝްރޫއުގެ ބިން ހިއްކުން މި ފެށޭ އަހަރު ނިމުމުގެ ކުރިން އެއްކޮށް ނިންމައިދޭނަން. އެއީ އަޅުގަނޑު ވީ ވައުދެއް. ހަ މަހާއި 12 މަސް ތެރޭ ނިންމައިދޭނެ ކަމަށް ވައުދުވިން. އެކަން އިރާދަކުރެއްވިއްޔާ ކުރާނަން" މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން އޮގަސްޓުމަހުގެ އެއްވަނަ ދުވަހު، ހިޔާ ސަރަހައްދުގައި ބޭއްވި މުއިއްޒު މެނިފެސްޓޯ ލޯންޗުކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވަނީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ގިރާވަރުފަޅާއި ގުޅިފަޅު އިތުރަށް ހިއްކާނެ ކަމަށެވެ.

"މާލެ ސަރަހައްދަށް އެކަނި 65,000 ގެދޮރު, އެއީ ގޯއްޗާއި ފްލެޓު ހިމެނޭހެން ގައުމީ ތަރައްގީގެ ތެރޭގައި ހިމަނައިގެން ގާއިމުކޮށްދިނުން އަޅުގަނޑުމެންގެ ޕްލޭނަކީ. އެއީ ގުޅިފަޅާއި, ގިރާވަރު ފަޅާއި, ފުށިދިއްގަރު ފަޅާއި, މާލެ ރީޑެވެލޮޕް ކުރީމާ ހުސްވާ ބިންތަކާއި, މި ހުޅުމާލޭ އާއި ވިލިމާލެ މި ހުރިހާ ތަނަކުން ލިބޭ ބިންތައް އެއްކޮށްލައިގެން 65,000 ގެދޮރު ގާއިމުކޮށްދޭނަން" މުއިއްޒު ވިދާޅުވެފައިވެއެވެ.

މުއިއްޒު ވިދާޅުވެފައިވަނީ ގިރާވަރު ފަޅުން 89 ހެކްޓަރު ހިއްކައި 1,050 ގޯއްޗާއި 2,800 ހައުސިން ޔުނިޓު މާލޭ ރައްޔިތުންނަށް ދޭނެ ކަމަށެވެ. އެއީ 1,400 އަކަފޫޓާއި 1,650 އަކަ ފޫޓުގެ ދެމެދުގެ ތަންތަން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވެފައިވަނީ އޭނާގެ ވެރިކަމެއްގައި ގުޅިފަޅު ހިއްކައިނިމޭއިރު އެތަން ހުޅުމާލެ ފޭސް ދެއަކަށްވުރެ ބޮޑުވާނެ ކަމަށެވެ. އެތަނުން 3،500 ގޯތި އަދި 8،700 ހައުސިން ޔުނިޓު ދެވެން ހުންނާނެ ކަމަށެވެ.

ފުށިދިއްގަރު ފަޅު ތަރައްގީކުރާނެ ގޮތުގެ މާސްޓާޕްލޭނެއް ވެސް މުއިއްޒު ވަނީ ރޭ ދައްކަވައިފައެވެ. އޭނާ ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މާލޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރު ޔަގީންވެގެންދާނެ ކަމަށެވެ. ފުށިދިއްގަރު ފަޅު ހިއްކައި އެތަން އާބާދުކުރުމަކީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެސް ވައުދެކެވެ.

"ފުށިދިއްގަރު ފަޅުގައި 1,280 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކޭނެ. އެއީ ފޭސް 1 ފޭސް 2 އެއްކޮށްލީމަ ވާ ވަރުގެ ތިން ގުނަ. މިތަނުން ލިބިގެން މިދަނީ 11,970 ގޯއްޗާއި 26,500 ހައުސިން ޔުނިޓު, ތިން ކޮޓަރި ހަތަރު ކޮޓަރި ގޮތަށް" މުއިއްޒު ވިދާޅުވެފައިއެވެ.