އިންތިހާބީ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް، (ސެމްބެ) ނިިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވީ، އިންތިހާބީ ރައީސް އަދި މާލޭ ސިޓީކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވެ ވަޑައިގަންނަވާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

ސެންބެ އަކީ މީގެ ކުރިން އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ މެންބަރެކެވެ. ޕީޕީއެމް އާއި ޕީއެންސީއަކީ ކޯލީޝަނެއްގެ ތެރެއިން އެކުއެކީގައި ސިޔާސީ މަސައްކަތްތައް ކުރަމުން އަންނަ ދެ ޕާޓީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އިންތިހާބީ ނާއިބު ރައީސް ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަތީ، ޕާޓީ ބަދަލު ކުރައްވައި، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގެން އެކަމާބެހޭ ލިޔުންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށްފަހުގައި ކަމަށެވެ.

އެކަމާބެހޭ ލިޔުންތައް، އިލެކްޝަންސް ކޮމިޝަނުން ވެސް މަޖިލީހަށް ހުށަހަޅާފައިވާތީ، މިހާރު އޭނާއަކީ ޕީއެންސީގެ މެންބަރެއްގެ ގޮތުގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުގައި މަޖިލިސް މެންބަރުން ހިމެނޭ ގޮތަށް ވަނީ ބަދަލު އައިސްފައެވެ. އެހެންކަމުން މަޖިލީހުގައި މިހާރު މެންބަރުން ހިމެނެނީ، އެމްޑީޕީ މެންބަރުންގެ ގޮތުގައި 56 މެންބަރުން ދަ ޑިމޮކްރެޓްސްގެ 13 މެންބަރުން، ޕީޕީއެމް އާއި ޕީއެންސީން ކޮންމެ ޕާޓީއެއްގައި ހަތަރު މެންބަރުން، އެމްއެންޕީގެ ތިން މެންބަރުން އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީން ކޮންމެ ޕާޓީއެއްގައި ދެ މެންބަރުން އަދި އަމިއްލަ ގޮތުގައި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ތިން މެންބަރުންނެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވީ، ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު، ޕީއެންސީއަށް ބަދަލުވެވަޑައިގެން ޕީއެންސީގެ ޓިކެޓް ކާމިޔާބު ކުރައްވައި އެ ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ.