އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވުމަށްފަހު އެ ޕާޓީން ވަކިވެވަޑައިގެންނެވި މުހައްމަދު ނަޝީދު، އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަން ހުށަހަޅުއްވައިފިއެވެ.

ނަޝީދު އެ ހުށަހެޅުއްވުން ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ޕަސެންޓް ތާއީދު އޮތް ނަމަ، އެ މަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

އެ މެސެޖުގެ ސައްހަކަން ކަށަވަރު ކޮށްދެއްވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) މިއަދު "ވަން" އަށް ވިދާޅުވީ، އެ މެސެޖު ލިބިވަޑައިގެންނެވީ ޗެއާޕާސަން ފައްޔާޒުގެ އަރިހުގައި އޭނާ ހުންނަވަނިކޮށް ކަމަށެވެ. އަދި އެ މެސެޖު މިހާރު އެމްޑިީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވާފައިވާ ކަމަށާއި ނަމަވެސް ގިނަ މެންބަރުން އެކަމާ ދެކޮޅު ކަމަށް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދަކީ ޒަމާންވީ ގާތް ދެ ރަހުމަތްތެރިން ނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ފަހުން ސިޔާސީ ގޮތުން ދެ ބޭފުޅުން ހިޔާލު ވަރަށް ބޮޑަށް ތަފާތުވިއެވެ. އެ މައްސަލައިގެ ތެރެއިން އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ނަޝީދު ވަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއްވެސް އުފައްދަވައިފައެވެ.

އަދި މިދިޔަ ޖޫން މަހުގެ ތެރޭގައި އެމްޑީޕީން އިސްތިއުފާ ދެއްވައި، އެ މަނިކުފާނުގެ ޕާޓީ މެދުވެރިކުރައްވައި ރައީސް ސޯލިހާ ދެކޮޅަށް ނަޝީދު ގެންދަވަނީ ސިޔާސީ ގޮތުން މަސައްކަތްޕުޅު ކުރައްވަމުންނެވެ. ނަޝީދާއެކު އެމްޑީޕީގެ ލީޑާޝިޕްގައި ތިއްބެވި ގިނަ ބޭފުޅުންވެސް ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތެވެ.

ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ހުށަހެޅުއްވި އިރު، އެ މަނިކުފާނު ވަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ރައީސް ސޯލިހާއި އެމްޑީޕީން ކުރި ކެމްޕޭނަށް ތައުރީފު ކުރައްވައިފައެވެ.