އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަދި ލިވަޕޫލް ކުޅުނު މެޗުތަކުން ބަލިވި އިރު އާސެނަލް މޮޅުވެއްޖެއެވެ.

ރޭ ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން 1-0 އިން ބަލިވެފައެވެ. ވުލްވްސް އަތުން 2-1 އިން ސިޓީ ބަލިވި އިރު، ނުވަ ކުޅުންތެރިންނާ އެކު މެޗު ނިންމާލި ލިވަޕޫލް އަތުން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވީ 2-1 އިންނެވެ. އަދި އާސެނަލުން ވަނީ 4-0 އިން ބޯންމައުތުގެ މައްޗަށް ކުރިހޯދައިފައެވެ.

ރޭގެ ނަތީޖާތަކަށް ފަހުވެސް އެއްވަނައިގައި އޮތީ ސިޓީއެވެ. އެއީ ހަތް މެޗުން 18 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ޓޮޓެންހަމް އާއި ތިންވަނައިގައި އޮތް އާސެނަލަށް 17 ޕޮއިންޓް ލިބިފައިވާ އިރު، ލިވަޕޫލް ހަތަރު ވަނައިގައި އޮތީ 16 ޕޮއިންޓް ހޯދައިގެންނެވެ.

ޕެލަސް އިން ޔުނައިޓެޑް ބަލިކުރި މެޗުގެ ހަމައެކަނި ގޯލު ޕެލަސް އަށް ޖަހައިދިނީ ޑިފެންޑަރު ޔަކީމް އެންޑަސަންއެވެ. ހިލޭ ޖެހުމެއްގައި ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފައެވެ.

ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އޮތް ސިޓީ ރޭ ބަލިވި މެޗުގައި ވުލްވްސްއިން ލީޑުނެގީ ސިޓީގެ ރުބެން ޑިއާސް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ސިޓީން ދެވަނަ ހާފުގައި އެއްވަރުކުރީ ހޫލިއަން އަލްވަރޭޒް ޖެހި ހިލޭޖެހުމުންނެވެ. އެކަމަކު، ދެކުނު ކޮރެއާގެ ފޯވާޑް ހްވާން ހީ ޗާން ޖެހި ގޯލުން ވުލްވްސް އިން މެޗު ކާމިޔާބުކުރިއެވެ.

ބޯންމައުތު ދަނޑުގައި އާސެނަލްގެ ގޯލުތައް ޖެހީ ބުކާޔޯ ސަކާ، މާޓިން އޮޑެގާޑް، ކައި ހަވާޓްޒް އަދި ބެން ވައިޓް އެވެ. އޮޑެގާޑާއި ހަވާޓްޒް ލަނޑު ޖެހީ ލިބުނު ޕެނަލްޓީތަކުންނެވެ.

ޓޮޓެންހަމް ދަނޑުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލްގެ ކާޓިސް ޖޯންސް އަށް ވަނީ 26 ވަނަ މިނެޓްގައި ރަތް ކާޑެއް ދައްކައިފައެވެ. އެ ރަތް ކާޑަކީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީހޯދައިގެން ދެއްކި ރަތް ކާޑެކެވެ.

ލިވަޕޫލްގެ ކުޅުންތެރިއަކު މަދުވިތާ 10 މިނިޓް ތެރޭ ޓޮޓެންހަމްގެ ކެޕްޓަން ސޮން ހިއުން މިން އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނެވެ. އޭގެ އިރުކޮޅެއް ފަހުން، ލުއިޒް ޑިއާޒް ލިވަޕޫލަށް ގޯލެއް ޖަހައިދީ އެއްވަރު ކުރި ނަމަވެސް ވީއޭއާއާރްއިން ރަނގަޅަށް ނުބަލައި، އެ ގޯލު ބަލައިނުގަންނަން ނިންމިއެވެ. ރޭގެ މެޗަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ރެފްރީން ކަންތައްތަކާ ބެހޭ އިސް ފަރާތް، ޕްރޮފެޝަނަލް ގޭމްސް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) ވަނީ މި ކަމަށް ލިވަޕޫލް ކިބައިން މާފަށް އެދިފައެވެ.

ލިވަޕޫލުން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޯޑީ ގަކްޕޯ ޖެހި ގޯލުން ނަތީޖާ ހަމަހަމަކޮށްފައެވެ.

ދެ ވަނަ ހާފުގައި ލިވަޕޫލުން ބަދަލަކަށް ކުޅެން ނެރުނު ޑިއޯގޯ ޖޮޓާ އަށް ގާތްގާތުގައި ދެ ރީނދޫ ކާޑާ އެކު، ރަތް ކާޑެއް ދައްކައި މެޗުގެ 69 ވަނަ މިނެޓްގައި އޭނާ ދަނޑުން ފޮނުވާލިއެވެ. ލިވަޕޫލުން ނުވަ ކުޅުންތެރިންނާ އެކު ޑިފެންސް ކުރަމުން ދަނިކޮށް ޓޮޓެންހަމް މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގެ ހަ ވަނަ މިނެޓްގައެވެ. އެއީ ޓޮޓެންހަމްގެ ފުލްބެކް، ޕެޑްރޯ ޕޯރޯ ނެގި ބާރު ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ލިވަޕޫލްގެ ޖޮއެލް މަޓިޕް ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.