އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ކޯލިޝަން ޕާޓްނަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް، އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ މަރުހަބާ ވިދާޅުވެ ނަސޭހަތެއް ދެއްވައިފިއެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ފުރަތަމަ ބުރުގައިވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒަށް ވަނީ 53 ޕަސެންޓާއެކު 126،850 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފަ އެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 46 ޕަސެންޓެވެ. އެއީ 108،696 އަށްވުރެ ގިނަ ވޯޓެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ދިވެހިން ގޮތް ނިންމައިފި ކަމަށާއި އިންތިހާބީ ރައީސް މުއިއްޒަށް ގުޅާ އޭނާއަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ. އަދި މި ހަލަބޮލި ދުވަސްވަރު ވެރިކަންކުރުމަކީ ފަސޭހަކަމެއް ކަމަށް ނުފެންނާތީ ހެޔޮގޮތުގައި ސާބިތުވެ ހުންނެވުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހުވެސް ވަނީ ރޭގެ ވަގުތެއްގައި ބަލި ގަބޫލުކުރައްވައި މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ.