ޚަބަރު

ރައީސް ސޯލިހު މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެ

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް، އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މުއިއްޒަށް ވަނީ 53 ޕަސެންޓާއެކު 126،850 އަށްވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 46 ޕަސެންޓެވެ. އެއީ 108،696 އަށްވުރެ ގިނަ ވޯޓެވެ.

މުއިއްޒަށް މަރުހަބާ ދަންނަވައި ރައީސް ސޯލިހު ދެންމެ ކުރެއްވި ޓުވީޓުގައި ވަނީ، އިންތިހާބުގައި ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށް ޝުކުރު ދަންނަވައިފަ އެވެ. އަދި އެކުގައި މަސައްކަތް ކުރެއްވި އެމްޑީޕީއާއި އަދާލަތު ޕާޓީގެ މެންބަރުންނަށާއި އެ މަނިކުފާނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު މީޑިއާތަކާ ބައްދަލުކުރައްވައި މުއިއްޒު މިރޭ ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް ސޯލިހުގެ އަރިހުން އެދިވަޑައިގެންފައެވެ.