މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް، އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އިންޒާރުދީފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީން މިއަދުކުރި ޓުވީޓެއްގައި ބުނީ، ގިޔާސުއްދީން ސްކޫލުގައި އިމްރާން ހުންނަވަނިކޮށް، ނަރީޝް ވަނީ، އިމްރާނާ ދިމާލަށް އަވަގުރާނަގޮވައި އަޑުގަދަކޮށް އިންޒާރުދީފައި ކަމަށެވެ.
"ރެއިންފެށިގެން މިކަހަލަ ބިރުދެއްކުމުގެ ކަންކަން ޑރ މުއިއްޒުގެ ކެމްޕޭނުން ހިންގަމުންދާތީ އެކަންކަން ހުއްޓާލުމަށް ގޮވާލަން" އަދާލަތު ޕާޓީން ބުންޏެވެ.
އެކަމާ ގުޅިގެން ނަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ އެ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އަދާލަތު ޕާޓީން އެފަދަ ދޮގު ވާހަކަތައް ދައްކަނީ ރިޔާސީ އިންތިހާބުން ބަލިވާތީ ކަމަށެވެ.
"އެތައް ރައްޔިތުންތަކެއް ތިބި ތަނެއްގައި ނުހިނގާ ކަމެއް ހިނގި ކަމަށް ދައްކަން މަސައްކަތް ކުރުމަކީ އިންތިހާބުން ބަލިވެއްޖެ ކަން ކަށަވަރުވެ ޔަގީންވާކަމެއް" ނަރީޝް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އަދި މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަށް ބަޔަކު ވަނީ ހަމަލާދީފައެވެ.
ފުލުހުން މީޑިއާތަކަށް ބުނީ، މަޖިލީހުގެ ދެ މެންބަރަކަށް ހަމަލާދިން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.