ލ. ފޮނަދޫގައި އާ ވޯޓު ފޮށްޓެއް ބަހައްޓައިގެން ވޯޓުލުން ފަށައިފިއެވެ.
ފޮނަދޫގައި ހުރި "ވަން"ގެ ނޫސްވެރިޔާ މުހައްމަދު ޝަމްއޫން ބުނީ، ވޯޓުލާން ދިޔަ މީހަކަށް ދޫކުރި ވޯޓު ކަރުދާހުގައި ރޮނގެއް ދަމާފައި ހުރުމުން ވޯޓުލުން ހުއްޓާލި ކަމަށެވެ.
"ވަން" ލިބިފައިވާ އެ ވޯޓު ކަރުދާހުގެ ފޮޓޯއިން ފެންނަ ގޮތުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުއާ ދިމާލަށް ހުންނަ ގޮޅީގައި ހުރީ ރޮނގުބުރިއެއް ދަމައިފައެވެ. އެ ރޮނގުބުރި ހުރީ ގޮޅީގެ އެއް ފަރާތުގައެވެ.
އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ، އެ ރޮނގުބުރިއެއް ހުރި ވޯޓު ކަރުދާސް ދޫކުރި އޮފިޝަލު މަސައްކަތުން ދުރުކޮށްފައިވާ ކަމަށެވެ.
"އީސީން ވަނީ އާ ފޮށްޓެއް ބަހައްޓައިގެން މިހާރު ވޯޓުލުމަށް އިރުޝާދު ދީފައި، މައްސަލަ ޖެހުނު ފޮށީގެ ބަދަލުގަ. އަދި އެ އޮފިޝަލު މިހާރު ވަނީ މަސައްކަތުން ދުރުކޮށްފައި" ހަބީބު ވިދާޅުވިއެވެ.
ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެކަމުގެ ޝަކުވާ އެ މުއައްސަސާއަށް ހުށަހަޅައިފައިވުމުން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެކަމާ ގުޅިގެން ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފޮނަދޫގެ ތިން ނަންބަރު ވޯޓު ފޮށިން ދޫކުރި ތިން ވޯޓު ކަރުދާސްކޮޅެއްގައި ކުރަހާފައިވާ ކަމަށާއި އެ ތިން ކަރުދާސްކޮޅު ދޫކޮށްފައިވަނީ މުއިއްޒަށް ވޯޓުލާން ދިޔަ މީހުންނަށް ކަމަށެވެ.
"ވޯޓު ބާތިލު ކުރަން މިފަދަކަންތައް އެހެން ފޮށިތަކުގައި ކުރިޔަށްދޭތޯ ފާރަވެރިވުމަށް އެދެން" ސިރާޖު ވިދާޅުވިއެވެ.
މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި މިހާތަނަށް ވަނީ 126،866 މީހުން ވޯޓު ލައިފައެވެ. އެއީ 65،523 ފިރިހެނުންނާއީ 61،343 އަންހެނުންނެވެ.
މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 101،581 ވޯޓު ހޯއްދަވައިގެން 46.06 ޕަސެންޓުން، މާލޭ ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،164 ވޯޓެވެ. އެއީ 39.05 ޕަސަންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވީ ނަމަވެސް، ވޯޓުލުމަށް ނުކުމެފައިވަނީ 75 ޕަސެންޓް މީހުންނެވެ. އެއީ އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ރިޔާސީ އިންތިހާބެއްގައި ވޯޓުލާން ނުކުތް އެންމެ ދަށް ޕަސަންޓޭޖެވެ.
މީގެ ކުރީ ރިޔާސީ އިންތިހާބުތަކުގައި 80 ޕަސަންޓަށްވުރެ ގިނަ މީހުން ވޯޓުލާން ނުކުމެފައިވެއެވެ. އެގޮތުން 2008ގައި ބޭއްވި ފުރަތަމަ އިންތިހާބުގައި 86.5 ޕަސަންޓު މީހުން ވޯޓުލިއެވެ. އޭގެ ފަހުން ބޭއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 91.4 ޕަސަންޓު މީހުން ވޯޓުލި އިރު، އެންމެ ފަހުން 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި 89.2 ޕަސަންޓު މީހުން ވޯޓުލިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 282،803 އެވެ. އޭގެ ތެރޭގައި އިތުރަށް ހިމެނެނީ މިއަދުގެ ނިޔަލަށް 18 އަހަރުފުރޭ 408 ޒުވާނުންނެވެ. އެއީ 196 އަންހެނުންނާއި 212 ފިރިހެންނެވެ.
ދެވަނަ ބުރުގެ ވޯޓުލާ ގަޑި އީސީން ވަނީ އިތުރުކޮށްފައެވެ. ދެވަނަ ބުރުގު ވޯޓުލުން ހަވީރު 5:00 އަށް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތު ކޮޅަކަށްފަހުއެވެ.