ރިޔާސީ އިންތިހާބު 2023

ޑރ. މުއިއްޒު އިންތިހާބު ކާމިޔާބުކުރައްވައިފި

30 Sep 23:48

މުއިއްޒު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެކޮޅަށް ބަދަލުކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވާފައި.

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު 54 ޕަސަންޓުން ކާމިޔާބުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވުމަށް މީރުމާ ހޮޓެލްގައި މިރޭ ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ، ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެއްވުމަކީ ގާނޫނުން ރައީސަށް ލިބިދޭ ބާރެއް ކަމަށް.

"އަޅުގަނޑު މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް އިހުލާސްތެރިކަމާ އަދަބުވެރިކަމާއެކީގައި ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް،" އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވި.

އިންތިހާބީ ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެއްވުމަކީ މި ގައުމުގެ މަސްލަހަތަށްޓަކައި މިހާރު އެންމެ ރަނގަޅު ގޮތް ކަމަށް.

30 Sep 23:44

އިންތިހާބީ ރައީސް މުއިއްޒަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް މަރުހަބާ ދަންނަވައިފި.

ފައްޔާޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ނަމުގައި އިންތިހާބީ ރައީސް މުއިއްޒަށް މަރުހަބާ ދަންނަވާ ކަމަށާއި އިދިކޮޅު ޕާޓީގެ ގޮތުގައި އެމްޑީޕީން ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތުގައި ކުރިއަށްދާނެ ކަމަށް.

30 Sep 23:42

އިންތިހާބީ ރައީސަށް ގިނަ ބަޔަކު ދަނީ މަރުހަބާ ކިޔަމުން. އޭގެ ތެރޭގައި މުއިއްޒާ ވާދަކުރައްވައި، ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ.

މުއިއްޒަށް މަރުހަބާ ދަންނަވައި ރައީސް ސޯލިހު މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ، އިންތިހާބުގައި ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށް ޝުކުރު ދަންނަވާފައި. އަދި އެކުގައި މަސައްކަތް ކުރެއްވި އެމްޑީޕީއާއި އަދާލަތު ޕާޓީގެ މެންބަރުންނަށާއި އެ މަނިކުފާނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށްވެސް ޝުކުރު އަދާކުރައްވާފައިވޭ.

ނަޝީދު މިރޭ ކުރެއްވީ ޓުވީޓެއްގައި ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާ ކަމަށް.

30 Sep 20:56

އިންތިހާބީ ރައީސް ޑޜ. މުއިއްޒު މިރޭ 10:00 ގައި ނޫސްވެރިންނާ ބައްދަލުކުރައްވާނެ. ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ ހ. މީރުމާހޯލްގައި.

30 Sep 20:56

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވިކަން ކަށަވަރުވުމާ އެކު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ދަނީ ޕީޕީއެމް އޮފީސް ދޮށަށް އެއްވެ، އުފާ ފާޅުކުރަމުން. އަދި ސަޕޯޓަރުން ދަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި އަޑުއުފުލަމުން.

30 Sep 20:54

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ސަޕޯޓަރުންނާ އެއްވެސް ބޭފުޅަކު މިދަނޑިވަޅުގައި ދިމާކޮށް ނުހެދުމަށް އެދިވަޑައިގެންފައި.

30 Sep 20:53

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދަވައި ރާއްޖޭގެ އަށް ވަނަ ރައީސްކަމަށް އިންތިހާބު ވެވަޑައިގަންނަވާނެކަން ވަނީ ޔަގީންކުރެވިފައި

30 Sep 19:08

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާތައް އިއުލާނު ކުރަމުންދާ އިރު، 250 އަށްވުރެ ގިނަ ވޯޓު ފޮށީގެ ނަތީޖާއިން ކުރީގައި އުޅުއްވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު

30 Sep 17:59
30 Sep 17:42

ވޯޓް ފޮށިތައް ގުނަން ފަށައި، ބައެއް ފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށައިފި

30 Sep 17:41

ބައެއް ރަށްރަށުގައި ވޯޓު ފޮށިތައް ބަންދުކޮށް ވޯޓް ގުނުމުގެ ކަންކަން މިހާރު ދަނީ ކުރިއަށް.

30 Sep 17:36
30 Sep 17:32

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ގަޑި އިތުރު ނުކުރާނެ ކަމަށް. ގިނަ މަރުކަޒު ތަކުގެ ވޯޓުލުން ނިމިއްޖެ ކަމަށާއި 5:30 ގައި ވޯޓު ގުނަން ފަށާނެ ކަމަށްވެސް ހަބީބް ވިދާޅުވި.

30 Sep 17:27

ފުލުހުން: ގދ. ވާދޫގައި ވޯޓުލާން ދިޔަ މީހަކު ވޯޓު ފޮށި ފަޅާލާފައިވާ މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންދަނީ ހަރަކާތްތެރިވަމުން. މިމައްސަލައާ ގުޅިގެން އެމީހާ ވަނީ ހައްޔަރުކޮށްފައި

30 Sep 17:24
30 Sep 17:21

ގދ. ވާދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ވަނީ ފަޅާލާފައި. ވޯޓު ފޮށި ފަޅާލާފައިވަނީ އެންމެ ފަހުން ވޯޓުލީ މީހާ. އެމީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އީސީގެ ނައިބު ރައީސް އަސްމާއިލް ހަބީބު ވިދާޅުވި

30 Sep 17:19

މާލޭގެ ވޯޓުލާ މަރުކަޒުތަކާއި ރާއްޖޭގެ ރަށްރަށުގެ ވޯޓުލާ މަރުކަޒުތަކުގައި ބަހައްޓާފައި ހުރި ގިނަ ފޮށިތައް މިހާރު ވަނީ ބަންދުކޮށްފައި

30 Sep 17:08
30 Sep 17:07

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ވަގުތު ހަމަވެ، ވޯޓުލާން ކިޔުއަށް އެރުން ބަންދުކޮށްފި. ބައެއް ވޯޓު ފޮށިތައް ވެސް ދަނީ ބަންދުކުރަމުން.

30 Sep 16:45
30 Sep 16:44

އީސީން އެންމެ ފަހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ހަވީރު 4:00 އާ ހަމައަށް 221،496 މީހުން ވަނީ ވޯޓުލާފައި. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 78 ޕަސެންޓު.

30 Sep 16:25
30 Sep 16:19

ފުލުހުން: ވޯޓް ކަރުދާސް ދެއްކުމާއި ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް 14 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި.

30 Sep 16:17

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ހަމަލާދިން މައްސަލަ އެޗްއާރްސީއެމުން ވަނީ ކުށްވެރިކޮށްފައި

އެޗްއާރްސީއެމުން ބުނީ މި ދެ ހާދިސާ ހިނގި ތަނުގައި ތިބި އާންމު ރައްޔިތުންނަށްވެސް އެކިވަރުގެ ހަމަލާ ދީފައިވާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަާ ކަމަށް.

"ސިޔާސީ ދެބަސްވުންތަކުގައްޔާއި ފިކުރު ތަފާތުވާ ހާލަތްތަކުގައިވެސްް އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާ ދިނުމާއި އަބުރަށް އަރައިގަތުމާއި ނަފުރަތުގެ އަމަލުތައް އިސްކުރުމަކީ ކޮމިޝަނުން ކަންބޮޑުވާ ކަމެއް. މި އަމަލުތަކަކީ ގާނޫނީ ގޮތުންވެސް ޖިނާއީ ކުށްތަކެއްކަން ހަނދުމަކޮށްދެން. މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވީހާވެސް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލަން،"

30 Sep 16:14

ވޯޓުލުމުގެ ވަގުތު ހަމަވާން އޮތީ އެއް ގަޑި އިރަށް ވުރެވެސް ކުޑަ ވަގުތުކޮޅެއް. 5:00 ގައި ކިޔޫތައް ބަންދުކޮށް، ކިޔު ނެތް ތަންތަނުގެ ވޯޓު ފޮށިތައް ބަންދުކުރަން ފަށާނެ.

30 Sep 15:52

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވި ގޮތުގައި މިއަދު މާލެ އާއި އެހެނިހެން ބައެއް ރަށްރަށުގައި ހިންގަމުން ގެންދާ ހަމަނުޖެހުންތަކާއި މާރާމާރީތަކުގައި ޕީޕީއެމް/ޕީއެންސީ މެންބަރުންނާއި ސަޕޯޓަރުންގެ ބައިވެރިވުން އޮތް ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަ އަކީ ދޮގެއް ކަމަށް.

އެފަދަ އެއްވެސް ކަމެއްގައި ޕީޕީއެމް/ޕީއެންސީގެ މެންބަރުންނާއި ސަޕޯޓަރުން ބައިވެރި ނުވާކަމުގެ ޔަގީންކަން އަރުއްވަާ ކަމަށާއި އެފަދަ އެއްވެސް ހަމަނުޖެހުމެއްގައި ބައިވެރިނުވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވަމުންދާ ކަމަށް ތޮލާލް ވިދާޅުވި.

30 Sep 15:47

އީސީން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދުގެ މެންދުރުފަހު 3:00ގެ ނިޔަލަށް 70 ޕަސެންޓް މީހުން ވަނީ ވޯޓު ލާފައި. އެއީ 199،023 މީހުން.

  • ވޯޓުލީ އަންހެނުންގެ އަދަދު: 100،160، އެއީ %35.42
  • ވޯޓުލީ ފިރިހެނުންގެ އަދަދު: 98،863، އެއީ %34.96
  • ޖުމުލަ ވޯޓުނުލާ އަދަދު: 83،781، އެއީ %29.63
30 Sep 15:34
30 Sep 15:30
30 Sep 15:30

ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ޖިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް މިއަދު މާލެތެރޭގައި އިތުރުވަމުންދާކަން ފާހަގަ ކުރެވޭތީ، އިންތިހާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަކޮށް އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ސައްކަތްތައް ކުރަމުންދާ ކަމަށް.

"މިފަދަ ގުރޫފްތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް މީހުންނަށް އިންޒާރުދީ ބިރުދެއްކުމާއި މިއަދު އިންތިހާބާ ގުޅުންހުރި ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަމަލާ ދިނުންފަދަ މައްސަލަތައް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅިފައިވޭ. މި އްސަލަތައް ފުލުހުން ގެންދަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުން،"

30 Sep 14:48
30 Sep 14:46

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވޯޓު ލައްވައިފި. އެމަނިކުފާނު ވޯޓު ލެއްވީ ލަންކާގައި ހުރި ފޮއްޓަށް

30 Sep 14:41

އީސީން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދުގެ މެންދުރުފަހު 2:00ގެ ނިޔަލަށް 60 ޕަސެންޓް މީހުން ވަނީ ވޯޓު ލާފައި. އެއީ 171،954 މީހުން

  • ވޯޓުލީ އަންހެނުންގެ އަދަދު: 85،513، އެއީ %30.21
  • ވޯޓުލީ ފިރިހެނުންގެ އަދަދު: 86،441، އެއީ %30.57
  • ޖުމުލަ ވޯޓުނުލާ އަދަދު: 110،850، އެއީ %39.20
30 Sep 14:36
30 Sep 14:31

ފުލުހުން: މެންހަޓަންގެ ތެރޭގައި ހުންނަވަނިކޮށް ރައްޔިތުން މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އަށް ބަޔަކު ހަމަލާދީފައިވާ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވޭ. ސީންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން

30 Sep 14:30
30 Sep 14:27

ރައްޔިތުން މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އަށް ގްރޫޕަކުން ހަމަލާ ދީފި. މަވޯޓާ ޝަރީފަށް ހަމަލާދީފައި ވަނީ މެންހަޓަން ހޮޓަލް ތެރޭގައި ހުންނަވަނިކޮށް.

30 Sep 14:19

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުގެ ގައިގައި ޖެހި މައްސަލައެއް މިއަދު ހެނދުނު 11:45 ހާ އިރު ފުލުހަށް ވަނީ ހުށަހަޅާފައި. ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް.

30 Sep 14:08
30 Sep 14:04

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓް، އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވޯޓު ލައްވައިފި. ވޯޓު ލެއްވީ އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާފައި ހުރި 5 ނަމްބަރު ފޮއްޓަށް

30 Sep 14:01

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އޮބްޒާވްކުރަމުންދާ އިރު، އެ ކޮމިޝަނުން ވަނީ މިހާތަނަށް ފާހަގަކުރެވިފައިވާ ބައެއް ކަންތައްތައް ހާމަކޮށްފައި. އެގޮތުން

• އޮބްޒާވް ކުރި ހުރިހާ މަރުކަޒެއްގައިވެސް ހެނދުނު 8:05ގެ ކުރިން ވޯޓުލުން ފެށިފައިވޭ

• ހުރިހާ ވޯޓުލާ ސަރަހައްދެއްގައިވެސް މަރުކަޒު ފާހަގަވާ ގޮތަށް ދާންވާ މަގު އަންގައިދިނުމަށް ރަގަޅު އިންތިޒާމްތަކެއް ހަމަޖެހިފައިވާކަން ފާހަގަކުރެވިފައިވޭ.

• މިހާތަނަށް މައްސަލަތަކެއް ފާހަގަކުރެވިފައެއް ނުވޭ. ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްދޭ.

30 Sep 13:57
30 Sep 13:57

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފި.

30 Sep 13:52

ފައިސަލް އިތުރަށް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި އަމިއްލަ ހައިސިއްޔަތުން ވެސް ގައުމާއި ރައްޔިތުންގެ ހިދުމަތުގައި ދެމިހުންނަވާނެ ކަމަށާއި އަންނަ ދައުރުގައި ހުންނަވާ ރައީސަކު ނުވަތަ އާންމުން ވިޔަސް އެ މަނިކުފާނުގެ އެހީތެރިކަމަށް އެދިއްޖެ ނަމަ، އެ ކަމެއް ކޮށްދެއްވާނެ ކަމަށް.

"އެއްވެސް ހާލެއްގައި ވަކި މީހަކަށް އަޅުގަނޑު ކޮށްދޭ ކަމެއް ނޫން. އެހެންވީމާ، އެ ގޮތުގައި އެންމެ ފަހު ދުވަހާ ހަމައަށް އަޅުގަނޑު ހުންނާނީ އެހެން. ދިިވެހި ގައުމު އަޅުގަނޑަށް އެންމެ މުހިންމީ. އަޅުގަނޑު ދެމި ހުންނާނީ ދިވެހި ރައްޔިތުންނާ އެއްކޮށް. އަޅުގަނޑު ހެޔޮ އެދެނީ ދިވެހި ގައުމަށް. އެކަން އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރާނަން. ދުވަހަކު ވެސް އެ ވިސްނުމަކަށް، ދުވަހަކު ވެސް ބަދަލެއް ނާންނާނެ. ހަމަ ކުޑަކުޑަ ބަދަލެއް ވެސް ނާންނާނެ،"

30 Sep 13:52

ފައިސަލް ވިދާޅުވީ އިތުރު ދައުރަކަށް ޝައުގުވެރިކަން ފާޅުކުރެއްވީ ގައުމުގައި ކުރަން ހުރި ބައިވަރު މަސައްކަތްތައް އަދިވެސް ހުރި ކަމަށް ގަބޫލުކުރެއްވޭތީ ކަމަށާއި އެ ފުރުސަތު ލިބިވަޑައިނުގެންނެވި ނަމަވެސް އޭނާ އަބަދުވެސް ހުންނަވާނީ ރައްޔިތުންނާ އެކު ކަމަށް

"އަޅުގަނޑު ކޮންމެ ކަމެއްގައި ހުއްޓަސް، ކޮންމެ މަގާމެއްގައި ހުއްޓަސް، ކޮންމެ ވަޒީފާއެއް އަދާކުރަން ހުއްޓަސް ގައުމަށްޓަކާ ރައްޔިތުންނަށްޓަކާ ގައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް އަޅުގަނޑު ކުރާނަން،"

30 Sep 13:51

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ މަސައްކަތް ކުރެއްވީ އިތުރު ދައުރެއް ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދުގައި ނޫން ކަމަށާއި ބެއްލެވީ މި ފަސް އަހަރުގެ ތެރޭގައި އެންމެ ރަނގަޅަކަށް ކަަންތައްތައް ކުރެއްވުމަށް ކަމަށް

ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން ކުރެއްވުނު މަސައްކަތްތަކުގެ ތެރެއިން ކޮންމެވެސް ރަނގަޅު ކަންތައްތަކެއް ރައްޔިތުންނަށްޓަކައި ކޮށްދެވިއްޖެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި

30 Sep 13:50

ނައިބު ރައީސް ފައިސަލް ނަސީމް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލައްވައިފި. ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލުގައި ހުރި ވޯޓު ފޮއްޓަށް

30 Sep 13:40
30 Sep 13:39
30 Sep 13:21

ހަބީބު ވިދާޅުވި ގޮތުގައި މިހާތަނަށް 141،000 މީހުން ވޯޓު ލާފައިވާ ކަމަށާއި އެއީ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ 50 އިންސައްތަ ކަމަށް. ވޯޓުގެ ކަންކަން ހިނގަމުންދަނީ އަމާންކަމާއި އޮމާންކަމާ އެކު ކަމަށް ހަބީބު ވިދާޅުވި.

30 Sep 13:12

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވި ގޮތުގައި ވޯޓު ކަރުދާސްތަކުގައި ކުރެހި ކަމަށް ތުހުމަތު ކުރެވޭ އޮފިޝަލު އެކަހެރި ކުރުމަށްފަހު ފޮނަދޫގެ 3 ނަންބަރު ފޮށީގެ ވޯޓުލުން އަލުން ފަށާފައިވާ ކަމަށް

30 Sep 12:55
30 Sep 12:55

އީސީން އާންމުކުރި އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން، މިއަދުގެ މެންދުރު 12:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ އަދަދަކީ 44.86 ޕަސެންޓް. އެއީ 126،866 މީހުން.

30 Sep 12:53

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ލ. ފޮނަދޫ 3 ނަންބަރު ވޯޓުފޮށީގައި ދިމާވި ވޯޓުކަރުދާހުގައި މާކެއް ހުރި މައްސަލަ ކޮމިޝަނުގެ ސަމާލު ކަމަށް އައުމުން، އެކަމުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް އަންގާފައިވާ ކަމަށް. އެ ފޮށީގެ ވޯޓުލުން އަވަހަށް ފައްޓަން ވެސް އަންގާފައިވާ ކަމަށް ވިދާޅުވި.

ވޯޓު ކަރުދާސް ދޫކުރާ އޮފިޝަލް އަތުގައި ގަލަމެއް ނޯންނާނެ ކަމަށާއި އޮފިޝަލުންނަށް ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ހަބީބު ވިދާޅުވި

30 Sep 12:16

ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ. އޭގެ ތެރެއިން ހަތް މީހަކު ވަނީ ދޫކޮށްލާފައި

30 Sep 12:08

ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ އަނބިކަނބަލުން އަދި ކުރީ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ވޯޓު ލައްވައިފި. އެކަމަނާ ވޯޓު ލެއްވީ އިސްކަންދަރު ސްކޫލުގައި ހުންނަ ވޯޓު ފޮއްޓަކަށް

30 Sep 11:59

އީސީން ދެންމެ އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިއަދު ހެނދުނު 10:00 އާ ހަމައަށް ވޯޓުލާފައިވަނީ 34.38 ޕަސެންޓް މީހުން. އެއީ 97،220 މީހުން. އެގޮތުން މިހާތަނަށް 44،763 އަންހެނުން ވޯޓު ލާފައިވާ އިރު، 52،457 ފިރިހެނުން ވަނީ ވޯޓު ލާފައި

30 Sep 11:41

ފޮނަދޫގެ 3 ނަންބަރު ވޯޓު ފޮށިން ވޯޓު ކަރުދާސް ދޫކުރާއިރު، އެ ކަރުދާސްތަކުގައި އޮފިޝަލަކު ކުރަހާ ކަމުގެ ޝަކުވާ ދަނީ ކުރަމުން. އެގޮތުން 3 ކަރުދާހެއްގައި ކުރަހާފައިވާ ކަމުގެ ޝަކުވާ ވަނީ ހުށަހަޅާފައި

30 Sep 11:39

ފުލުހުން: ލ. ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވޭ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން.

30 Sep 11:35
30 Sep 11:30

ރައީސް ވިދާޅުވީ ވަކި ޕަސެންޓެއް ދަންނަވަން ދަތި ނަމަވެސް ކާމިޔާބު ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށް. އަދި ސޯޝަލް މީޑިއާގައި ތަފާތު ތުހުމަތުތައް ކުރި ނަމަވެސް އެމްޑީޕީން ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރަމުން ނުދާ ކަމަށާއި ކޮށްފައެއްވެސް ނޯންނާނެ ކަމަށް.

ރައީސް ވިދާޅުވި ގޮތުގައި، ބަރުލަމާނީގެ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނީ އިންތިހާބަށްފަހު ކަމަށް. އަދި އެމަނިކުފާނުގެ ތާއީދުކުރައްވާ ގޮތް މީގެ ކުރިން ހާމަކުރައްވާފައިވާ ކަމަށާއި ޕާޓީން އެކަމުގައި ގޮތެއް ނިންމާނީ އިންތިހާބަށްފަހު ކަމަށް ރައީސް ވިދާޅުވި

30 Sep 11:30

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ދެވަނަ ބުރުގައި ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް. އެކަން ބިނާވާނީ ވޯޓުލާން ނުކުންނަ މީހުންގެ އަދަދުން ކަމަށާއި މި ބުރު ވޯޓްލާ ނިސްބަތް އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވި.

ރައީސް ވިދާޅުވީ ފުރަތަމަ ބުރާ ހިލާފަށް ގިނަ ބަޔަކު ވޯޓުލާން ނުކުންނަ މަންޒަރު ފެންނަ ކަމަށާއި ވޯޓުލާ ނިމި ނަތީޖާ އިއުލާނު ކުރުމުން ކާމިޔާބު ލިބިގެންދާ މަންޒަރު ފެނިގެންދާ ކަމަށް. އަދި 86 ޕަސެންޓްގެ މީހުން ވޯޓް ލާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ރައީސް ވިދާޅުވި

30 Sep 11:18
30 Sep 11:16

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ވޯޓް ލައްވައިފައި. އޭނާ ވޯޓް ލެއްވީ ކަލާފާނު ސްކޫލުގައި ހުންނަ ވޯޓު ފޮއްޓަށް

30 Sep 11:03

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓް ލައްވައިފި. އެ މަނިކުފާނު ވޯޓް ލެއްވީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓް ފޮއްޓަކަށް.

30 Sep 10:59

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އިންތިހާބާ ގުޅުން ހުރި ކަންކަމާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް

އެ މީހުންގެ ތެރޭގައި ހިމެނެނީ ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން ފުލުހުންގެ ބެލުމުގު ދަށަށް ގެނެސްފައިވާ މީހުން ކަމަށާއި އެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށް ބުނެފައިވޭ

30 Sep 10:51

މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސް އަދި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ވޯޓު ލައްވައިފި. އޭނާ ވޯޓު ލެއްވީ ކަލާފާން ސްކޫލުގެ ހޯލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް.

30 Sep 10:46

އިލެކްޝަންސް ކޮމިޝަނުން ދެންމެ އާންމުކުރި މައުލޫމާތަށް ބަލާއިރު، މިއަދު ހެނދުނު 10:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ އަދަދަކީ 23 ޕަސެންޓް. އެއީ 65،600 މީހުން.

ފުރަތަމަ ބުރުގެ ހެނދުނު 10:00 އާ ހަމައަށް ވޯޓުލީ 12 ޕަސެންޓް މީހުން. އެހެންކަމުން މިއީ 11 ޕަސެންޓް އިތުރު އަދަދެއް.

30 Sep 10:43

ފުވައްމުލަކުގައި ވޯޓު ކަރުދާސް ފޮޓޯ ނެގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ބެލުމުގެ ދަށަށް ގެނެސް، މައުލޫމާތު ސާފުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި

30 Sep 10:16

އިލެކްޝަންސް ކޮމިޝަނުން ދެންމެ އާންމުކުރި މައުލޫމާތަށް ބަލާއިރު، މިއަދު ހެނދުނު 9:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ އަދަދަކީ 12.84 ޕަސެންޓް.

މިއީ ފުރަތަމަ ބުރުގެ މި ވަގުތާ އަޅާބަލާއިރު ގިނަ އަދަދެއް

30 Sep 10:02

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވޯޓް ލައްވައިފި

30 Sep 09:51

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވޯޓު ލައްވައިފި. އޭނާ ވޯޓު ލައްވާފައިވަނީ އަހުމަދިއްޔާ ސްކޫލުގައި ހުންނަ ފޮއްޓަށް

30 Sep 09:11

30 Sep 09:07

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، މާފުށީ ޖަލުގައި ހުންނަ ފޮއްޓަށް ދެންމެ ވޯޓު ލައްވައިފި ކަމަށް

30 Sep 08:57

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި ގޮތުގައި އަބޫދާބީ އަދި ޔޫކޭ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ފެށިގެން ކުރިޔަށްދާ ކަމަށް

30 Sep 08:49

30 Sep 08:48

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވޯޓް ލައްވައިފި. އޭނާ ވޯޓްލައްވާފައި ވަނީ ތާޖުއްދީން ސްކޫލްގައި ހުރި ވޯޓް ފޮއްޓަށް

30 Sep 08:47

އެމްޑީޕީން ބުނި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލައްވަން ވަޑައިގަންނަވާނީ 10:00 އާއި 10:30 އާ ދެމެދު ކަމަށް. އެ މަނިކުފާނު ވޯޓުލައްވާނީ ޖަމާލުއްދީން ސްކޫލުގެ ކްލާސް ރޫމް ހައެއްގައި ބަހައްޓާފައި ހުރި ޅ. އަތޮޅު ފޮއްޓަށް

30 Sep 08:46
30 Sep 08:38

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ރަނިން މޭޓް މުހައްމަދު ހުސެއިން ލަތީފް (ސެމްބެ) މީގެ ކުޑަ އިރުކޮޅެއް ކުރިން ވޯޓް ލައްވައިފި. އޭނާ ވޯޓްލައްވާފައި ވަނީ ތާޖުއްދީން ސްކޫލްގައި ހުންނަ ފަރެސްމާތޮޑާ ދާއިރާގެ ވޯޓް ފޮއްޓަށް

30 Sep 08:29

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ވޯޓު ލައްވައިފައި

30 Sep 08:20

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި ގޮތުގައި 80 އިންސައްތަ އަށްވުރެ ގިނަ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެށިގެން ކުރިޔަށްދާ ކަމަށް

30 Sep 08:08

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ރާއްޖޭގައި ހުރިހާ ހިސާބެއްގައިވެސް ފަށައިފި. ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައި

30 Sep 08:04

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށުމަށްޓަކައި ހުރިހާ ވޯޓުލާ މަރުކަޒުތަކެއް ތައްޔާރުވެފައިވާ ކަމަށް. އަދި 8:00 ގައި ވޯޓުލުން ފެށޭނެ ކަމަށް

30 Sep 07:42

މިއަދު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހެނދުނު 8:00 ގައި ފަށަން ތައްޔާރުވެފައިވާ އިރު، މިއަދު ހެނދުނު 7:00 ގެ ކުރިން މާލެ އާއި ބައެއް ރަށްރަށުގެ ވޯޓުލާ މަރުކަޒުތައް ކައިރީގައި މީހުން ވަނީ ކިޔޫ ހަދަން ފަށައިފައި

ރިޔާސީ އިންތިހާބު 2023ގެ ދެވަނަ ބުރުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރީންނަށް މަރުހަބާ!

އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯދި ދެ ކެންޑިޑޭޓުންނެވެ. އެއީ 46.06 ޕަސަންޓާއެކު 101،581 ވޯޓު ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި 39.05 ޕަސަންޓާއެކު 86،164 ވޯޓު ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފުރަތަމަ ބުރުގައި 15،839 ވޯޓާއެކު ތިންވަނަ ހޯއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމަވައިފައެއް ނުވެއެވެ. އޭގެ އިތުރުން ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރެއްވި އުމަރު ނަސީރާއި ފާރިސް މައުމޫން ވެސް އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމަވައިފައެއް ނުވެއެވެ.

ފުރަތަމަ ބުރުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ކޯލިޝަނަކާ ގުޅިވަޑައިގެންނެވީ ހަމައެކަނި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް، ދަނގެތި ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމެވެ. ފުރަތަމަ ބުރުގައި އޭނާއަށް ލިބިވަޑައިގެންފައިވަނީ 1،907 ވޯޓެވެ. ޖުމްހޫރީ ޕާޓީން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމާފައި ނުވި ނަމަވެސް، އަމިއްލަ ހައިސިއްޔަތުން އެ ޕާޓީގެ މެންބަރުން ވަނީ ފުރަތަމަ ބުރުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރާކަން އިއުލާންކޮށްފައެވެ.

ދެވަނަ ބުރުގެ ވޯޓުލާ ގަޑި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިތުރުކޮށްފައެވެ. ދެވަނަ ބުރުގު ވޯޓުލުން ބޭއްވުމަށް ނިންމާފައިވަނީ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތު ކޮޅަކަށްފަހުއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވީ ނަމަވެސް، ވޯޓުލުމަށް ނުކުމެފައިވަނީ 75 ޕަސަންޓު މީހުންނެވެ. އެއީ އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ރިޔާސީ އިންތިހާބެއްގައި ވޯޓުލާން ނުކުތް އެންމެ ދަށް ޕަސަންޓޭޖެވެ. މީގެ ކުރީ ރިޔާސީ އިންތިހާބުތަކުގައި ވަނީ 80 ޕަސަންޓަށްވުރެ ގިނަ މީހުން ވޯޓުލާން ނުކުމެވަފައެވެ. އެގޮތުން 2008ގައި ބޭއްވި ފުރަތަމަ އިންތިހާބުގައި 86.5 ޕަސަންޓު މީހުން ވޯޓުލިއެވެ. އޭގެ ފަހުން ބޭއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 91.4 ޕަސަންޓު މީހުން ވޯޓުލި އިރު، އެންމެ ފަހުން 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި 89.2 ޕަސަންޓު މީހުން ވޯޓުލިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 282،803 އެވެ. އޭގެ ތެރޭގައި އިތުރަށް ހިމެނެނީ މިއަދުގެ ނިޔަލަށް 18 އަހަރުފުރޭ 408 ޒުވާނުންނެވެ. އެއީ 196 އަންހެނުންނާއި 212 ފިރިހެންނެވެ.