މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން އަދި މި އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށްފަހުވެސް ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ބޮޑު ދެ އިންތިހާބުން އެމްޑީޕީ ބަލިވުމުން އެ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި އެކްޓިވިސްޓުން ވަނީ ލީޑާޝިޕުގެ އިސްތިއުފާއަށް ސޯޝަލް މީޑިއާގައި ގޮވާލައިފައެވެ.
އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ އިންތިހާބުތަކުން ބަލިވި ސަބަބު ދެނެގަތުމަށް ދިރާސާއެއް ކުރަން ނިންމާފައިވާ ކަމަށާއި އެ ދިރާސާ އިން އިންތިހާބުތަކުން ބަލިވީ ކެމްޕޭން ކުރި ގޮތުގެ ސަބަބުންތޯ ނުވަތަ ލީޑާޝިޕުގެ މައްސަލައަކުންތޯ އެނގިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގައި އެއްގޮތަކަށް ވެސް ނެތް ޕާޓީގެ އެއްވެސް ލީޑާޝިޕުގެ އެއްވެސް މަގާމެއްގައި ތިބި އެއްބެސް ބޭފުޅަކު އިސްތިއުފާ މި ވަގުތު ދިނުމެއް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއްވެސް ނޫން. އިންތިހާބުތަކުން ދަށްވުމަކީ އެއީ ކޮންމެވެސް އެއްބަޔަކު ދަށްވާނެ އަނެއް ބަޔަކު މޮޅުވާނެ،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، ޕާޓީގެ ލީޑާޝިޕުގެ އިސްތިއުފާއަށް ގޮވި ގިނަ މީހުންނަކީ ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވާ މީހުން ކަމަށާއި މަދު އަދަދަކަށް އެމްޑީޕީގެ މެންބަރުންވެސް އެކަމަށް ގޮވާލި ކަމަށެވެ. އަދި އެމްޑީޕީގެ ލީޑާޝިޕު ބަދަލުކުރަންޖެހޭ ކަމަށް މެމްބަރުން ދެކޭ ކަމަށްވާ ނަމަ އެ ފުރުސަތު ދޭނެ ކަމަށާއި ނަމަވެސް މިއީ އެފަދަ ފުރުސަތެއް ދޭންވީ ވަގުތު ނޫން ކަމަށާއި މިއީ އަނެއްކާވެސް އެމްޑީޕީ ނަގައި ކޮޅަންޖަހަންވީ ވަގުތު ކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެމްޑީޕީ އިދިކޮޅުގައި އޮތުމަށް ނުވަތަ އިދިކޮޅުގައި މަސައްކަތް ކުރުމުގެ ފުރުސަތު އުނިވާނެ ގޮތަކަށް މި ވަގުތު އެއްވެސް މަސައްކަތެއް ލީޑާޝިޕުން ނުކުރައްވާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ޕާޓީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވައިގެން ނުވާނެ ކަމަށާއި އެމްޑީޕީއަކީ ބަލިވުމުން މައިދާން ދޫކޮށް ފިލައިދާނެ ބަޔަކު މަސައްކަތްކުރާ ޕާޓީއެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު