އޭނާގެ ސަރުކާރެއްގައި އިންސާފުވެރިކަމަކީ ހަމައެކަނި ދައްކާލާ ވާހަކައަކަށް ނުހައްދަވާނެ ކަމަށާއި އޭގެ ބަދަލުގައި އިންސާފު ލިބިގެންދާނެކަން ރައްޔިތުންނަށް އިހުސާސް ކުރެވޭ ވަރަށް މަސައްކަތް ކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ބޭއްވި ހިނގާލުމަށްފަހު އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ވަކި ޕާޓީއަކަށް ނިސްބަތްވުމަކީ މައްސަލައެއް ނޫން ކަމަށާއި އޭނާ ވެރިކަން ކޮށްދެއްވާނީ އަދުލުވެރިކަމާއި އިންސާފުން ކަމަށެވެ.

"މާދަމާއަކީ ގައުމުގެ މުސްތަގުބަލް ކަނޑައަޅާ ދުވަސް. މި ތިބީ ވަރަށް ގިނަ ދުވަހުގެ މަސައްކަތެއްކޮށް، ގައުމީ މަސައްކަތެއްކޮށް ގޮތް ނިންމާ ހިސާބަށް އައިސްފައި. މިތާ އެބަ ތިބި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މީހުންވެސް، އެމްޑީޕީ މީހުންވެސް. އަޅުގަނޑު މި ހުރީ ހުރިހާ ފަރާތްތަކަށް އަދުލުވެރި ވެރިކަމެއް ކޮށްދިނުމަށް. ވަކި ޕާޓީއަކަށް ނިސްބަތްވާތީ އަޅުގަނޑަށް މައްސަލައެއް ނެތް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖެއިން އަނިޔާވެރިކަން އެއްކޮށް ފޮހެލައި، ރައްޔިތުންނާމެދު އަދުލުވެރި ނޫން ގޮތަކަށް ކަންތައް ނުކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންނަކީ އަމިއްލަ ފުދުންތެރިކަން ލިބިގެންވާ ބަޔަކަށް ހަދައި، ދައުރު ނިމުމުގެ ކުރިން ދިވެހި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ޔަގީންކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ސަރުކާރުގެ ފޮރިން ޕޮލިސީގެ ސަބަބުން ގައުމުގެ މިނިވަންކަން ގެއްލި ސިޔާސީ ބާރުވެރިކަމާއި އަމިއްލަ ބާރުވެރިކަން ގެއްލިފައިވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި ހާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނީ ގައުމުގެ މިނިވަންކަން ނުގެއްލޭ ގޮތަށް ދިވެހިންނަށް އިސްކަން ދެއްވައިގެން ކަމަށެވެ. އަދި އޭނާގެ ސަރުކާރެއްގައި ރައީސް އޮފީހުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.