ރާއްޖޭގައި އަދުލުވެރިކަމާއި އިންސާފުވެރިކަން ގާއިމުކުރުމަށް އޭނާއަށް ވޯޓު ދެއްވުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ސަންގުޓީވީން ރޭ ގެނެސްދިން "ޑރ. މުއިއްޒު ރައްޔިތުންގެ ގާތަށް" ޕްރޮގްރާމްގައި ދެއްވި މެސެޖުގައި މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް ކުރިމަތިލެއްވީ ވަރަށް ތެދުވެރި އިހުލާސްތެރި ނިޔަތެއްގައި ކަމަށެވެ. އެއީ ގައުމުގެ މިނިވަންކަން ޔަގީންކޮށްދީ، ގައުމުގައި އަދުލުވެރި ވެރިކަމެއް ގާއިމުކޮށް، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކީގައި ކޮންމެ ރައްޔިތަކަށްވެސް ހިދުމަތްކޮށް، އަނިޔާވެރިކަން ފޮހެލަން ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް ކުރިމަތިލެއްވީ ރާއްޖެ ވެއްޓިފައިވާ އިގުތިސޯދީ އަނދަވަޅުން ސަލާމަތްކޮށް، ރައްޔިތުންނަކީ އަމިއްލަ ފުދުންތެރިކަމެއް ބަޔަކަށް ހެދުމަށް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަކީ ބޯހިޔާވަހިކަން ޔަގީންވެފައިވާ ބަޔަކަށް ހަދައި، މުޖުތަމައުގެ ތެރޭގައި ރިވެތި އަހުލާގު އަށަގަންނުވައި، ގައުމާއި އިސްލާމް ދީނަށް ލޯބިކުރާ ޖީލެއް އުފައްދާނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވަނީ، ތެދުވެރިކަމާއި އަމާނަތްތެރިކަމާއި އިހުލާސްތެރިކަން އިސްކޮށް، ގައުމު ކުރިއަށް ގެންގޮސް، މުސްތަގުބަލު އުޖާލާކޮށް، އެދޭ މިސްރާބަށް ގައުމު ގެންގޮސް ދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.