ޖާހް ކުންފުންޏަށް ދިން "ދަ ގާޑަން" މަޝްރޫއު ނުނިންމިގެން އާބަންކޯ އިން ހަވާލުވި މަސައްކަތް ނިންމައި، އެ ފުލެޓުތައް ކުރިއަށްއޮތް ހަ މަސް ދުވަހުގެ ތެރޭގައި ހަވާލުކުރާނެ ކަމަށާއި ކޭ ޕާކް މައްސަލައަށް ވެސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ދަ ގާޑަން" މަޝްރޫއު އިން ދޫކުރާ ފުލެޓުތަކާއި ކޭ ޕާކް ފުލެޓުތަކަށް ގިނަ ބަޔަކު ވަނީ އެޑްވާންސަށް ފައިސާ ދައްކައިފައެވެ. އޭގެ ތެރެއިން ޖާހުން މަސައްކަތް ފެށި ފުލެޓުތައް ދިން މުއްދަތު ފަހަނައަޅައި ދިޔަ އިރުވެސް ނިމިފައިނުވާތީ، އެ މަސައްކަތް މިހާރު ކުރިއަށްގެންދަނީ އާބަންކޯ އިންނެވެ. އަދި ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)އާ ދެކޮޅަށް ވަނީ ދައުވާކޮށްފައިވާ އިރު، އެ ފުލެޓުތަކުގެ މަސައްކަތް މިހާރު ކުރިއަަކަށް ނުދެއެވެ.

އެމްޑީޕީގެ ސޯސަން ޖަގަހަ ކުރިމަތީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަމުން ރައީސް ވިދާޅުވީ ގުޅިފަޅުން ފުލެޓު ފުލެޓު ދޭން ނިންމާފައިވަނިކޮށް، ކުރީ ސަރުކާރުން އެތަނުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް ބަދަލު ދީފައިނުވާ ކަމަށާއި އެ ބަދަލު ދޭން ޖެހުނީ ވެސް މި ސަރުކާރުން ކަމަށެވެ. އަދި އެގޮތަށް ސީލައިފް މައްސަލަ އާއި ދަ ގާޑަން މައްސަލަ އާއި ކޭ ޕާކްގެ މައްސަލައިގެ އިތުރުން ގާކޮއްޓާއި އަރަބިއްޔާ ފުލެޓުތަކުގެ މައްސަލަ ވެސް އައިސްފައިވަނީ ކުރީގެ ސަރުކާރުގައި ކަންތައް ކުރި ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އަންނަނީ މި ހުރިހާ މައްސަލައަކަށް ހައްލު ހޯދައިދެމުން. ވެރިކަމަށް އައުމަށްފަހުގައި، އެ ދެއްކި އެޑްވާންސް ފައިސާ ދެއްކުމަށްފަހު، ފުލެޓު ލިބޭނެ ގޮތް މިދަނީ ހަދައިދެމުން. ޖާހް ގާޑަނަށް އެޑްވާންސަށް ފައިސާ ދައްކައި، ފުލެޓު ލިބުނު ފަރާތްތަކަށް ކުރިއަށްއޮތް ހަ މަސް ދުވަހުގެ ތެރޭގައި އާބަންކޯ އިން އެ މަސައްކަތް ނިންމައި ހަވާލުކޮށްދޭނަން. ކޭ ޕާކްގެ މައްސަލައިގައި ފައިސާ ނަގާފައި އެބަހުރި. އެމީހުންނަށް ވެސް ގޮތެއް ހޯދައިދޭނަން. ޝަރީއަތަށް ގޮސް، އަނބުރާ ފައިސާ ލިބޭގޮތް ވެސް ހަދައިދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަރަބިއްޔާ އާއި ގާކޮށީގެ ފުލެޓުތައް ކުޑަ އަގެއްގައި ދިނުމަށް އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ނިންމާފައިވަނިކޮށް، އެ އަގުތައް ބޮޑުކޮށްފައިވަނީ މިދިޔަ ސަރުކާރުން ކަމަށާއި މި ސަރުކާރުން އެކަމަށް ހައްލެއް ހޯދުމަށް މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި ބޯހިޔާވަހިކަމަށް ހައްލު ހޯދައިދެވޭނީ މި ސަރުކާރަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.