އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި މަސް ގަންނަ އަގު ކުޑަނުކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެ ބަދަލު ގެނެސްފައިވަނީ މިމަހުގެ 15ގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ކެޔޮޅުންނާ ރައީސް ސޯލިހު ބޭއްވެވި ބައްދަލުވުމަކަށްފަހުއެވެ.

ތިނަދޫ ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ދުވަހުގެ ބައްދަލުވުމުގައި މަސްވެރިންނަށް ކުރިމަތިވެފައި ހުރި ދަތިތަކުގެ ވާހަކަ ހިއްސާކުރަމުން، އެ ވާހަކަތައް ދައްކަވަމުން ގެންދެވުމަށް މަސްވެރިން އެދިވަޑައިގެންނެވި ކަމަށެވެ.

"މިހާރު އެ ދުވަހުގެ ކަންބޮޑުވުންތަކާ އެއްގޮތަށް އަޅުގަނޑުމެން އެވަނީ މަހުގެ އަގަށް ބަދަލު ގެނެވިފައި. އިރާދަކުރެއްވިއްޔާ މިހާރު ރާއްޖޭގެ ކަންކޮޅުތަކުގައި މަސްވެރިކަން ކުރާ ކޮންމެ މަސްވެރިއަކަށް، ކިރާ ކޮންމެ ކިލޯއަކަށް 25 ރުފިޔާ އެދަނީ މިފްކޯ އިން ދެމުން. އަދި މިކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދެން އަންނަ ދައުރެއްގައި ހޮވުމާއެކީގައި ކުރިއަށްދާ އިރުގައި، އެއަށް ބަދަލެއް ނުގެނެސް، ކުޑަނުކޮށް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ވެސް ތިޔަބޭފުޅުންނަށް އަރުވަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވައުދުފުޅުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ގޯތި ހެދުމަށް ފައިސާގެ ދަތިކަން ކުރިމަތިވުން ކަމަށާއި އެކަމަށްޓަކައި ލޯނު ދޫކުރުމަށްޓަކައި ހައުސިން ބޭންކެއް ހަދާނެ ވާހަކަ އިއުލާންކުރައްވާފައިވާނެ ކަމަށެވެ. އަދި ޕެންޝަން ފަންޑު ބޭނުންކޮށްގެން ވެސް ގެދޮރު ހެދުމަށް ލޯނު ލިބޭގޮތް ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު މާލޭ ސިޓީގައި ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައުސިން ލޯނު ހޯދޭ ގޮތް އެބައޮތް ކަނޑައެޅިފައި. ހަމަ އެ އުސޫލު އިރާދަކުރެއްވިއްޔާ މި ސިޓީ އާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ރައްޔިތުންނަށް ހައިސިންއަށް ބޭންކުން ލޯނު ހޯދުމަށްޓަކައި ބޭނުންކުރެވޭނެ އުސޫލު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޕެންޝަން ފަންޑު ބޭނުންކޮށްގެން ލޯނު ހޯދޭ ގޮތަށް ހަމަޖެހުމުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ މީހެއް ކަމުގައިވިޔަސް، މާލޭ ރައްޔިތުންނެކޭ އެއްގޮތަށް ހައުސިން ލޯނު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ތިނަދޫގައި ތަރައްގީކުރާ ބައިނަލްއަގުވާމީ އެއާޕޯޓާއި ބޯހިޔާވަހިކަމުގެ ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް އަންނަ ދައުރުގައި ބިން ހިއްކައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.