ތިނަދޫ ސިޓީގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅުމާއި ބޯހިޔާވަހިކަމުގެ ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް އަންނަ ދައުރުގައި ބިން ހިއްކައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ތިނަދޫ ސިޓީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅުން ތިނަދުއަށް ވެފައިވާ ވައުދުތަކަކީ އެމަނިކުފާނު އޭގެ ކުރިން ވެވަޑައިގެންފައިވާ ވައުދުތަކެއް ކަމަށާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އެ ވައުދުތައް ވެވަޑައިގެންފައިވަނީ ފާޑުކިޔުންތަކެއް އަމާޒުވުމުން ދެވަނަ ފަހަރަށް އެ ސިޓީއަށް ވަޑައިގެން ކަމަށެވެ.
"އޭގެ ތެރެއިން އެއް ކަމަކީ މި ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަށް އަޅުގަނޑުމެން 500 ހައުސިން ޔުނިޓު ނޫނީ ރޯހައުސް މި ރަށުގައި އަޅާނެކަމަށް ވީ ވައުދު. ހަމައެއާއެކީގައި އެރޭ އަޅުގަނޑު ވާނެ ބުނެފައި މި ރަށުގެ ބިން އިތުރުކުރާ ވާހަކަ. އެއީ ހޫޓިކަނޑު ބައްތިއާ ހިސާބަށް. އިރާދަކުރެއްވިއްޔާ މި ރަށުގެ ބިން އިތުރުކޮށް، އަޅުގަނޑުމެން މި ރަށުގައި އަޅާނީކީ 500 ހައުސިން ޔުނިޓެއް ނޫން. މި ރަށުގެ ރައްޔިތުންނަށް ދަތިވެފައި އޮތް ބޯހިޔާވަހިކަން ހައްލުކުރުމަށް ފުރިހަމަ ބޮޑު ހައުސިން ޕްރޮޖެކްޓެއް އެއަށްފަހުގައި އަޅުގަނޑުމެން މި ރަށުގައި ހިންގާނަން. އަދި އަޅުގަނޑުމެން ވެފައިވާ ވައުދާ އެއްގޮތަށް ތިނަދޫ ކައިރީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދޭވަރުގެ ބިން ވެސް އެއާއެކީގައި ހިއްކިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ތިނަދުއަށް ވަޑައިގެން ވެސް ރައީސް ވަނީ އެއާޕޯޓުގެ ވާހަކަދައްކަވައިފައެވެ. އެމަނިކުފާނު އޭރު ވިދާޅުވެފައިވަނީ ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ނުކުރެވޭ ނަމަ، ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅުއްވާނެ ކަމަށެވެ.
މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ގޯތި ހެދުމަށް ފައިސާގެ ދަތިކަން ކުރިމަތިވުން ކަމަށާއި އެކަމަށްޓަކައި ލޯނު ދޫކުރުމަށްޓަކައި ހައުސިން ބޭންކެއް ހަދާނެ ވާހަކަ އިއުލާންކުރައްވާފައިވާނެ ކަމަށެވެ. އަދި ޕެންޝަން ފަންޑު ބޭނުންކޮށްގެން ވެސް ގެދޮރު ހެދުމަށް ލޯނު ލިބޭގޮތް ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާރު މާލޭ ސިޓީގައި ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައުސިން ލޯނު ހޯދޭ ގޮތް އެބައޮތް ކަނޑައެޅިފައި. ހަމަ އެ އުސޫލު އިރާދަކުރެއްވިއްޔާ މި ސިޓީ އާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ރައްޔިތުންނަށް ހައިސިންއަށް ބޭންކުން ލޯނު ހޯދުމަށްޓަކައި ބޭނުންކުރެވޭނެ އުސޫލު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޕެންޝަން ފަންޑު ބޭނުންކޮށްގެން ލޯނު ހޯދޭ ގޮތަށް ހަމަޖެހުމުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ މީހެއް ކަމުގައިވިޔަސް، މާލޭ ރައްޔިތުންނެކޭ އެއްގޮތަށް ހައުސިން ލޯނު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު