ޕީޕީއެމް/ޕީއެންސީން ފަތުރަމުންދާ ފިތުނަވެރި ވާހަކަތަކުގެ ސަބަބުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު އިތުރުވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ރައީސް ސޯލިހު ތިނަދޫ ސިޓީއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ "އޮފް" މިހާރު ކެނޑިފައިވާ ކަމަށެވެ.

"މިނިސްޓާ ޝާހިދުމެން އެ ވިދާޅުވާ ހަގީގަތްތައް، އެ ވިދާޅުވާ ދޮލަނގު ބަންޑުން ޖަހާލީމާ ކޮންމެ ބޭފުޅަކަށް ވެސް އެއް ވޯޓު ދެ ވޯޓު އަދި ހޯދޭނެ" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވައި ކަންތައް ކުރެއްވި ގޮތް އަދި މާލޭގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެން މުއިއްޒު ކަންތައް ކުރެއްވި ގޮތް މިހާރު ރާއްޖޭގެ ރައްޔިތުންނަށް އެނގިއްޖެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް ވެރިކަމަށް އާދެވިއްޖެނަމަ ރާއްޖޭގައި މިހާރު މިއޮތް ހާލަތު އަނެއް ފުށަށް ޖަހައިލާނެ ކަމަށާއި އިދިކޮޅަށް ވެރިކަން ލިބިއްޖެނަމަ ލާމަރުކަޒީ ގާނޫނު އުވާލައި އަނެއްކާވެސް މާލެއަށް ބާރުތައް ޖަމާކުރަން ފަށާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ސިޓީތައް އުވާލައި އެޓޯލް މިނިސްޓްރީގެ ދަށަށް. އަދުރޭގެ ދަށަށް ރާއްޖެ ގެންގޮސް، އަތޮޅުތައް ގެންގޮސްދާނެ،" އިމްރާން ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން އެ މީހުންގެ އަތޮޅުތެރޭ ހަލާކުރުމުގެ ފުރުސަތު ވާދަވެރިންނަށް ނުދޭނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ވޯޓު ލާންވީ ކޮން ކެންޑިޑޭޓެއްކަން ރައްޔިތުންނަށް އެނގޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭނާ ހުންނެވީ ވަރަށް ހަމަޖެހިލައިގެން ކަމަށެވެ. އެއީ ރައީސް ސޯލިހު ކުދި ރަށްރަށަށް ކޮށްދެއްވި ކަންކަމުގެ ސަބަބުން އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް އިމްރާން ވިދާޅުވިއެވެ.