ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަފުތާއަކު ދެ ދުވަހުގެ ޗުއްޓީއެއް ލިބޭގޮތް ހެދުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ޗާންދަނީ މަގުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިސޯޓުތަކުގެ ސީނިއާ މެނޭޖްމަންޓުގެ ވަރަށް ގިނަ ބަޔަކާ މިއަދު ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި އަދިވެސް އިތުރަށް ރަނގަޅުކުރަން ޖެހޭ ކިތަންމެ ކަމެއްގެ ލަފާ އެބޭފުޅުންގެ ފަރާތުން ލިބިވަޑައިގެންނެވި ކަމަށެވެ.
"އެބޭފުޅުން ހުށަހެޅުއްވީ ހަފުތާއަކު މިހާރު މަސައްކަތްކުރާ 48 ގަޑިއިރު، 40 ގަޑިއިރަށް މަދުކޮށް ހަފުތާއަކު ދެ ދުވަހުގެ ޗުއްޓީއެއް ލިބޭގޮތް ހެދުމަށް، އެއާ ބެހޭގޮތުން ގޮތެއް ހޯދައިދިނުމަށް. އަޅުގަނޑުމެން އެބޭފުޅުންނަށް ދަންނަވަން އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން. ރިސޯޓު އޯނަރުންނާއެކީގައި ވެސް އަޅުގަނޑު މި މަސައްކަތްކުރަން ޖެހޭނެ. މިނިމަމް ވޭޖް ކަނޑައެޅުމުގައި ވެސް އަޅުގަނޑު މަސައްކަތްކުރީ އެގޮތަށް. މުސާރަ ލިބޭ ފަރާތާއި މުސާރަ ދޭ ފަރާތާ މަޝްވަރާކޮށް، އޭގައިި ހައްލެއް ހޯދުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑަށް ފެންނާތީ އެ މަސައްކަތް ފަށާނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް އަޅުގަނޑު މިރޭ ދަންނަވަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިނިސްޓްރީ އޮފް ޓޫރިޒަމްގައި އެޑްވައިޒަރީ ކޮމިޓީއެއް ނުވަތަ ކޮމިޝަނެއް އުފެއްދުމަށް އެބޭފުޅުން ހުށަހެޅުއްވި ކަމަށާއި އެއީ މުވައްޒަފުންނާއި ރިސޯޓް އޯނަރުންނާއި ޓުއާ އޮޕަރޭޓަރުންނާއި، މި ދާއިރާގައި މަސައްކަތްކުރާ ހުރިހާ ބައެއް ހިމެނޭގޮތަށް އުފައްދާ އެޑްވައިޒަރީ ކޮމިޓީއެއް ކަމަށެވެ.
"އެޑްވައިޒަރީ ކޮމިޓީއެއް އުފައްދައި، އެ އެންމެންގެ ލަފާގެ މަތިން އިންޑަސްޓްރީ ކުރިއެރުވުމަށް މަސައްކަތްކުރުމަށް ގޮތްތަކެއް ރޭވުމަށް. އަޅުގަނޑުމެން އެ ހުށަހެޅުއްވި ހުށަހެޅުން ގަބޫލުކޮށް، މިނިސްޓްރީ އޮފް ޓޫރިޒަމްގައި އެޑްވައިޒަރީ ކޮމިޓީއެއް އެ ދެންނެވިގޮތަށް ހުރިހާ ފަރާތްތަކެއް ހިމެނޭގޮތަށް އުފައްދައި، އެ މަސައްކަތް ފަށާނެ ވާހަކަ އަޅުގަނޑު މިރޭ ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރިސޯޓުތަކުގެ އިސް މަގާމުތަކުގައި ބޭރު މީހުން ތިބޭ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެ މަގާމުތަކަށް ދިވެހިން އުފެއްދުމަށް ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތްތަކެއް ކުރުމަށް އެބޭފުޅުން ލަފާ އެރުވި ކަމަށެވެ. އަދި އެ ލަފާގެ މަތިން ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން، މަތީ ފަންތީގެ މަގާމުތައް ވެސް ހިމެނޭގޮތަށް ސްކޮލަޝިޕް ސްކީމެއް އުފައްދައި، އޭގެ ދަށުން ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާ ހިސާބަށް މީހުން ތަމްރީނުކުރުމުގެ މަސައްކަތްތަކެއް ވީހާވެސް އަވަހަކަށް ފެށުމަށް މިހާރު ސަރުކާރުން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު