ސްޕެނިޝް ލަލީގާ

އެތުލެޓިކޯ އަތުން ހިތްދަތި ގޮތަކަށް ވަރުގަދަ ރެއާލް ބަލިވެއްޖެ

ސްޕޭނުގެ ލީގުގައި ހޯމަދުވަހު އެތުލެޓިކޯ މެޑްރިޑާ ވާދަކޮށް ވަރުގަދަ ރެއާލް މެޑްރިޑް ހިތްދަތި ގޮތަކަށް ބަލިވެއްޖެއެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް މެޑްރިޑް ބަލިވީ ތިނެއް އެކަކުންނެވެ. އެތުލެޓިކޯގެ ތިން ގޯލްގެ ތެރެއިން ދެ ގޯލް ޖަހައިދިނީ އަލްވާރޯ މޮރާޓާއެވެ. އަނެއް ގޯލް ޖެހީ އެންޓޮއިން ގްރީޒްމަންއެވެ. ރެއާލަށް ސުން ކަނޑުވައިލަދިނީ ޓޯނީ ކްރޫސްއެވެ. މި މެޗުން ބަލިވުމާއެކު ހަ މެޗުން ފަނަރަ ޕޮއިންޓާއެކު ރެއާލް މެޑްރިޑް ވަނީ ޓޭބަލްގެ ތިންވަނައަށް ސޮއްސާލައިފައެވެ. އެއްވަނައިގައި މިހާރު އޮތީ ހަ މެޗުން ސޯޅަ ޕޮއިންޓް ލިބިފައިވާ ބާސެލޯނާއެވެ.

މި ހަފުތާގައި ބާސެލޯނާ މޮޅުވީ އަމިއްލަ ދަނޑުގައި ސެލްޓަވީގޯއާ ވާދަކޮށް ތިނެއް ދޭކުންނެވެ. ދޭއް ސުމަކުން ބަލިވާން ދަނިކޮށް އެންމެފަހު ދިހަ މިނިޓްތެރޭގައި ބާސާއަށް ސްކޯރކޮށްދިނީ ރޮބާޓް ލެވަންޑޯސްކީއާއި ޖޮއާއޯ ކަންސޭލޯއެވެ. ބާސާ އާއި އެއްވަރަކަށް ޕޮއިންޓް ހޯދައިގެން އެކަމަކު ގޯލްގެ ތަފާތުން ޓޭބަލްގެ ތިންވަނައިގައި މިވަގުތު އޮތީ ޖިރޯނާއެވެ. މި ހަފުތާގައި މަޔޯކާއާ ވާދަކޮށް ޖިރޯނާ މޮޅުވީ އަމިއްލަ ދަނޑުގައި ފަހެއް ތިނަކުންނެވެ.

ސްޕޭނުގެ ނަން މަޝްހޫރު ޓީމުތަކުގެ ތެރެއިން ސެވިއްޔާ އާއި ވެލެންސިއާ އާއި ވިޔަރެއާލް އަދި ބެޓިސްއަށް މި ހަފުތާގައި މޮޅެއް ނުވެވުނެވެ. މި ހަތަރު ޓީމު ކުޅުނު މެޗުތައްވެސް ނިމުނީ އެއްވަރުވެގެންނެވެ. އެކަމަކު ރެއާލް ސޮސިއެޑާޑް ވަނީ މޮޅެއް ހޯދައިފައެވެ. ގެޓަފޭއާ ވާދަކޮށް ސޮސިއެޑާޑް މޮޅުވީ އަމިއްލަ ދަނޑުގައި ހަތަރެއް ތިނަކުންނެވެ.