ޚަބަރު

ތާއީދު ކުރެއްވުމަށް ރައީސް ސޯލިހު އެދިވަޑައިނުގަންނަވާ: ނަޝީދު

އިބްރާހިމް ޒަކީ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި، އެމަނިކުފާނުގެ ތާއީދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހު އެދިވަޑައިގެންފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، ރައީސް ސޯލިހާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ތާއީދަށް އެދިލެއްވިތޯ، ނޫސްވެރިއަކު ސުވާލު ކުރެއް ވުމުން ނަޝީދު ވިދާޅުވީ،" ވަރަށް ސާފުކޮށް ދަންނަވަފާނަން، ނޫން ނޭދޭ،" ކަމަށެވެ.

ނަަމަވެސް ރިޔާސީ ގަނޑުވަރުގައި، ރައީސް ނަޝީދާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަކަށްފަހު، ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ދެވަނަ ބުރެއްގައި ރައީސް ނަޝީދުގެ ތާއީދު ހޯދުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، އެ ބައްދަލުވުމަށްފަހު، "ރައީސް ސޯލިހު ބޭރަށް ނިުކުމެ ވަޑައިގެން އެހެން ވިދާޅުވެފައި އޮއްވައި ނޫހަކުން ކީން،" ކަމަށެވެ، ނަމަވެސް އެކަމަށް ރައީސް ސޯލިހު އެދިވަޑައިގެންފައިނުވާ ކަމަށް ވަރަށް ސާފުކޮށް ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދެވަނަ ބުރުގައި ކޮންމެސް ސަބަބަކާ ހުރެގެން ނަމަވެސް، ވޯޓު ކަރުދާސްކޮޅުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބުގެ ނަން އޮތް ނަމަ ފުރަތަމަ ބުރެކޭ އެއްގޮތަށް، ދެންވެސް ތާއީދު ކުރެއްވީހީ އޭނާއަށް ކަމަށެވެ. އަދި އިލިޔާސް ލަބީބު ނޫން އެހެން ކެނޑިޑޭޓަކަށް މި އިންތިހާބުގައި ތާއީދު ކުރަން ގަސްތު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ، ދަ ޑިމޮކްރޭޓުންވެސް ނިންމާފައިވަނީ އެގޮތަށް ކަމަށެވެ. އަދި އެމްޑީޕީއަށްވެސް ރާއްޖެއަށްވެސް އެންނެ ރަނަގޅު ގޮތަކީ އެމަނިކުފާނު އެގޮތުގައި ހުންނެވުން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ނަޝީދު ވިދާޅުވީ، މިފަހަރުގެ އިންތިހާބުން އިލިޔާސް ލަބީބަށް ކާމިޔާބު ލިބިވަޑައިގެންފައިނުވާ ކަމަށާއި އެކަށީގެންވާ އަދަދަށް ވޯޓު ވެސް ލިބިވަޑައިގެންފައިނުވާ ކަމަށެވެ.

"އެކަށީގެންވާ އަދަކަށްވީހީ އެމަނިކުފާނަށްވެސް އަށްޑިހަ ހާހެއްހާ ވޯޓު ލިބިވަޑަިއގެންނެވި ނަމަ،"

މިމަހު ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި، ލިބިވަޑައިގެން 15،789 ވޯޓާއެކު އިލިޔާސް ލަބީބަށް ލިބިވަޑައިގެންނެވީ ތިންވަނައެވެ.

ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ، ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އެއީ 101،494 ވޯޓެވެ. ދެވެނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި، އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ، 86،166 ވޯޓެވެ.